އަޔޮނީޝް ފޮޓޯ ޓައިމްސް އޮފް އިންޑިއާ

ހަ މަސް ދުވަހު 32 ކިލޯ ލުއިކޮށްލައިފި

ބަރުދަން ލުއިކުރުމަކީ ކުރެވިދާނެ ކަމެއްކަން ހާމަކޮށްދިން އެކަކަކީ މިއުޒިކް ޕްރޮޑިއުސަރު އަޔޮނީޝްއެވެ. އަޔޮނީޝްގެ ބަރުދަން އެންމެ މައްޗަށް ދިޔައިރު، އޭނާގެ ބަރުދަނުގައި 124 ކިލޯ ހުއްޓެވެ. ހަ މަސް ދުވަހުގެ މަސައްކަތުން އޭނާ ވަނީ 32 ކިލޯ ލުއިކޮށްލާފައެވެ.

ޓައިމްސް އޮފް އިންޑިއާއަށް މައުލޫމާތު ދެމުން އަޔޮނީޝް ބުނީ ބަރުދަން އިތުރުވުމުގެ ސަބަބުން ހަށިގަނޑުގެ ކަންކަން ރަނގަޅު ނޫންކަން އިހުސާސް ކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަމަށް އަޅާނުލާ ތިބެވެނީ ކަމަށާއި ސިއްހަތާމެދު "ލޯ ހުޅުވާލެވެނީ" ކުއްލިއަކަށް ދިމާވާ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކަމަށް އަޔޮނީޝް ބުންޏެވެ.

އަޔޮނީޝް ބުނި ގޮތުގައި، ބަރުދަން ލުއިކުރުމަށް މަސައްކަތް އޭނާއަށް ފެށުނީ ދެ ހާދިސާއެއް ހިނގި ފަހުންނެވެ. އެގޮތުން ދެތިން މިނެޓް ހިނގާލުމުން ނޭވާލާން އުނދަގޫވާކަން ފާހަގަކުރެވުނު ކަމަށާއި އެކްސްއެކްސްއެލް ޓީޝާޓުވެސް ހެޔޮވަރުނޫންކަން ފާހަގަ ކުރެވުނު ކަމަށް އަޔޮނީޝް ބުންޏެވެ. އެ ދުވަހަށްފަހު، ފަސްއެނބުރި ބަލާލުމެއް ނެތި ބަރުދަން ލުއިކުރުމުގެ މަސައްކަތް އޭނާ ފެއްޓިއެވެ.

އަޔޮނީޝްގެ ނާސްތާ

ހެނދުނު: ކަޅު ކޮފީ (ހަކުރު ނާޅާ)، 2 ފޮތި ބްރައުން ބްރެޑް (ޓޯސްޓްކޮށްފައި) އަދި ފެނު ކެއްކި ދެ ބިސް (ހުދުބައި).

މެންދުރު: ފެނު ކެއްކި ހަތަރު ބިސް (ހުދުބައި)، 300 ގްރާމް ބޮއިލްޑް ޗިކަން، ފެހި ތަރުކާރީއާއެކު އަދި 250 ގްރާމް ޔޯގަޓް.

ރޭގަނޑު: ސެލެޑް ޕޯޝަން، 300 ގްރާމް ބޮއިލްޑް ޗިކަން، 200 ގްރާމް ބޭކެޑް ފިޝް، 250 ގްރާމް ޔޯގަޓް އަދި ޕަނީރް.

ކަސްރަތު ފެށުމުގެ ކުރިން: ކަޅު ކޮފީ (ހަކުރު ނާޅާ)، 2 ފޮތި ބްރައުޑް ބްރެޑް (ޓޯސްޓްކޮށްފައި) އަދި ފެނު ކެއްކި ދެ ބިސް (ހުދުބައި).

ކަސްރަތަށް ފަހު: 30 ގްރާމް ޕްރޮޓީން ޝޭކް، އާފަލެއް، 10 އާމަންޑް އަދި ފްރެޝް ފްރުޓް ޖޫސް ތަށްޓެއް.

ބަރުދަން ލުއިކުރުމުގެ މަސައްކަތް ފެށުމަށްފަހު ޑައިޓް ޕްލޭނާއި ހިލާފަށް ކެއުން ގެންދިޔައީ ވަރަށް މަދު ދުވަހަކު ކަމަށް އަޔޮނީޝް ބުންޏެވެ. އެގޮތުން އޭނާގެ މަންމަ އޭނާއަށް ހާއްސަ ކެއުންތައް ތައްޔާރުކޮށްދޭ ދުވަސްތަކުގައި ޑައިޓް ޕްލޭނާއި ހިލާފަށް ކެއުން ގެންދިޔަ ކަމަށް އަޔޮނީޝް ބުންޏެވެ. ޑައިޓް ޕްލޭނާއި ހިލާފުވެފައިވާނީ ނިސްބަތުން މަހަކު އެއް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށް އޭނާ ބުންޏެވެ.

ކަސްރަތު ކުރުން ކުރިއަށް ގެންދިޔަ ގޮތް ކިޔާ ދެމުން އަޔޮނީޝް ބުނީ ކޮންމެ ދުވަހަކުވެސް ކާޑިއޯ ކަސްރަތު ކުރިއަށް ގެންދިޔަ ކަމަށާއި އެއާއެކު އިތުރު ކަސްރަތުތަކެއް ހަފުތާގެ ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން ހޯމަ ދުވަހު ޗެސްޓް އަދި ޓްރައިސެޕްސް ކަސްރަތު، އަންގާރަ ދުވަހު ބެކް އަދި ބައިސެޕްސް ކަސްރަތު ކުރިއަށް ގެންދިޔައެވެ.

ބުދަ ދުވަހު ކޮނޑުގެ ކަސްރަތުތައް ކުރިއަށް ގެންދިޔައިރު، ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔައީ ފައިގެ ކަސްރަތުތަކެވެ. ހުކުރު ދުވަހު ބަނޑުގެ ކަސްރަތުތައް ކުރިއަށް ގެންދިޔައިރު ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔައީ ހަމައެކަނި ކާޑިއޯ ކަސްރަތުތަކެވެ.

އަޔޮނީޝް ވަނީ ހަކުރު އެކުލެވޭ ކާބޯތަކެއްޗާއި ބަތް ކެއުން ހުއްޓާލާފައެވެ. އޭގެ އިތުރުން ގެއިން ބޭރުން ކެއުންވެސް ހުއްޓާލާފައިވާ ކަމަށް އަޔޮނީޝް ބުންޏެވެ.