ބޫޓުން ނުބައިވަސް ކަނޑުވާލެވިދާނެ ގޮތްތައް

އޮފީހުގައި މަސައްކަތްކުރާއިރު ބައެއް މުވައްޒަފުންގެ ބޫޓުން ނުބައިވަސްދުވާ ހެއްޔެވެ؟ ހާއްސަކޮށް އޭސީކޮށްފަ ހުންނަ އޮފީސްތަކުގައި މި މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އޭސީ ނިއްވާލުމަށްފަހު އެއާފްރެޝްނާވެސް ޖަހަންޖެހޭ ހާލަތަށް ދެއެވެ.

ބޫޓު ތެމިފައި ހުރުމާއި ބޫޓުގެ އިންސޯލްސް ހަލާކުވެފައި ހުރުމަކީ، ބޫޓުން ނުބައިވަސް ދުވުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ. ފައި ތެމިފައި ހުއްޓާ އިސްޓާކީންޏަށް އެރުމާއި އެއް އިސްޓާކީނު ގިނަ ދުވަސްވަންދެން ނުދޮވެ ބޭނުންކުރުމަކީވެސް ނުބައިވަސް ދުވުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ.

އަވީގައި ކުޑައިރުކޮޅަކު ބޫޓު ބަހައްޓާލުމުންވެސް ބޫޓުން، ނުބައިވަސް ކަނޑުވައިދެއެވެ. ނަމަވެސް މެންދުރުގެ ގަދަ އަވީގައި ގިނައިރު ބޫޓު ނުބަހައްޓާށެވެ. އެއީ ބޫޓު ހަލާކުވާނެ ކަމެކެވެ.

ތާޒާ އޮރެންޖް، ގްރެޕްފްރުޓް އަދި ލުނބޯ ފަދަ ތަކެތީގެ ތޮށި ބޫޓަށް އެޅުމަކީވެސް ބޫޓުން ނުބައިވަސް ކަނޑުވާލުމަށް ކުރެވިދާނެ ކަމެކެވެ. ބޫޓަށް ލަވެންޑާ އޮއިލް އަޅާ ނަމަ، ބޫޓުގައި ހުންނާނީ ހިތްގައިމު މީރު ވަހެކެވެ.

ބައެއް މީހުންނަކީ ބޫޓު ދޮންނަ މީހުންނެވެ. ބޫޓުގައި ހުންނަ ނުބައިވަސް ކަނޑުވާލުމަށް ބޫޓު ދޮވެލުމަކީވެސް ކުރެވޭނެ ކަމެކެވެ. ނަމަވެސް ބޫޓު ރަނގަޅަށް ހިއްކުމަށް ސަމާލުކަން ދޭންވާނެއެވެ.

ބޫޓުގައި ހުންނަ ނުބައިވަސް ކަނޑުވާޅުމަށް، ހާއްސަ އެންޓިބެކްޓީރިއަލް ސްޕްރޭ އާއި އެންޓިފަންގަލް ޕައުޑާ ވިއްކަން ހުރެއެވެ. ބޫޓުން ނުބައިވަސް ކަނޑުވާލުމަށް ގިނަބަޔަކު މިފަދަ ޕައުޑާތައް ބޭނުންކުރެއެވެ.