ތުއްތު ދަރިފުޅާއެކު ދަތުރުކުރާ ބެލެނިވެރިންނަށް ޓިޕްސް

އެކަނި ދަތުރެއް ކުރުމާއި އާއިލާއާއެކު ދަތުރުކުރުމާއި ވަރަށް ތަފާތު ވާނެއެވެ. ހާއްސަކޮށް ތުއްތު ދަރިފުޅު ގޮވައިގެން ދަތުރެއް ކުރުން ވަރަށް ތަފާތު ވާނެއެވެ.

ކަންބޮޑު ނުވާށެވެ. ތުއްތު ދަރިފުޅާއެކު ދަތުރެއް ކުރުމަކީ ބިރުގަންނަންޖެހޭ ވަރުގެ ކަމެއް ނޫނެވެ. ތުއްތު ދަރިފުޅާއެކު ދަތުރުކުރާނަމަ ދުރާލާ ތައްޔާރުވެލާށެވެ. މިއީ ތުއްތު ދަރިފުޅާއެކު ދަތުރެއް ކުރާނަމަ ތައްޔާރުވުމަށް ކުރެވިދާނެ ފަސް ކަމެކެވެ.

ކޮންމެހެން ބޭނުންވާ ތަކެތި ހަނދާން ނައްތާނުލާތި

ކުރު ދަތުރެއް ކަމުގައި ވީނަމަވެސް ދިގު ދަތުރެއް ކަމުގައި ވީނަމަވެސް، މިއީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ކަމެއް ގޯސްވެގެންދާނީ ކޮން އިރަކުކަމެއް ނޭނގޭތީއެވެ. އެހެންކަމުން އަސާސީ މުހިންމު ތަކެތި އަބަދުވެސް ހަނދާންކޮށް ދަބަހަށް އަޅާށެވެ. ނެޕީ، ބޭސް، ތާމޯމީޓާ، ރަޖާ މިއީ ވަރަށް މުހިންމު ތަކެއްޗެވެ. މި ތަކެއްޗަކީ ފަސޭހައިން އަތު ޖެހޭ ގޮތަށް އަތްދަބަސް ނުވަތަ ބެކްޕެކްގައި ބެހެއްޓުން މުހިންމު ތަކެއްޗެވެ.

ދަރިފުޅަށާއި ތިމާއަށް އިތުރު އަންނައުނު

ރާއްޖޭގައި ނަމަ އާންމުކޮށް ދިގު ދަތުރުތައް ކޮށް އުޅެނީ ވައިގެ މަގުންނާއި ކަނޑުމަގުންނެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި އެއްގަމު މަގުން ދިގު ދަތުރުތައް ކުރަން ޖެހެއެވެ. އަތް ދަބަހުގައި ތިމާ އަށާއި ތުއްތު ދަރިފުޅަށް ބޭނުންކުރެވޭނެ ހެދުމެއް ބާއްވާށެވެ.

ދިމާވާ ކަމަކުން ދަތުރަށް ޑިލޭއެއް އައުން ނުވަތަ ހެދުން ހަޑިވުންފަދަ ކަމެއް މެދުވެއްޖެ ނަމަ މިއީ ބޭނުންކުރަން އޮތް ހެދުމެކެވެ. 

ތުއްތު ދަރިފުޅަށް ކާނާ

ދާން އުޅޭ މަންޒިލުގައި ހުންނަން ހަމަޖެހިފައިވަނީ 7 ތަރީގެ ހޮޓަލެއް ނުވަތަ ގެސްޓްހައުސްއެއްގައި ކަމުގައި ވީނަމަވެސް މައްސަލައެއް ނެތެވެ. ބަކުންކާ އުމުރުގެ ތުއްތު ކުދިން ގޮވައިގެން ދަތުރުކުރާ ނަމަ ދަރިފުޅު ގަޔާވާ ރެޑީ-ޓު-އީޓް ކާނާ ގެންދާށެވެ. މިހެން ކަން ކުރަން ޖެހެނީ ދާން އުޅޭ ތަނުން ލިބޭ ބަކުން ފަދަ ކާނާ ދަރިފުޅަށް ކަމު ނުގޮސްފާނެތީއެވެ.

ތުއްތު ދަރިފުޅު ކުޅޭނެ އެއްޗެއް

މަތިންދާބޯޓު، ކަނޑު ބޯޓު ނުވަތަ އެއްގަމު އުޅަނދެއްގައިވެސް ދިގު ދަތުރުތައް ކުރާއިރު، ތުއްތު ދަރިފުޅު ފޫހިވެގެން ރޮއެ ހެދުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ދަރިފުޅުގެ މުނިފޫހިފިލުވާލުމަށް ކުޅޭނެ ޓޯއީއެއް ނުވަތަ ދަރިފުޅު ގަޔާވާ ފޮތެއް ގެންދެވިދާނެއެވެ. ނަމަވެސް މިފަދަ ހާލަތުގައިވެސް ސްމާޓްފޯނު އަދި ޓެބްލެޓް ފަދަ ޑިވައިސްތަކާއި ދަރިފުޅު ދުރުކުރުން މުހިންމެވެ.