މިއީ ކައިވެނި ރޫޅެން މެދުވެރިވާ ބައެއް ސަބަބު

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކަށް ހައްލު ނުލިބި، ކައިވެނި ރޫޅުމާއި ހަމައަށް ދިއުމަކީ ހިތާމަހުރި ކަމެކެވެ. ދެމަފިރިންގެ މެދުގައިވެސް މައްސަލަ ޖެހޭނެއެެވެ. ބައެއް ފަހަރު އެފަދަ މައްސަލަތައް ހައްލުނުކުރެވި، ނޭނގި ނަމަވެސް މައްސަލަ އިތުރަށް ގޯސްކުރެވޭ ގޮތްވެއެވެ.

މިއީ ދިމާވާ ބައެއް މައްސަލަތަކާއި އެކަންކަން ހައްލުކުރާނެ ގޮތެވެ.

ރުޅި ކޮންޓްރޯލް ކުރޭ

ރުޅިއަކީ ގޯހެކެވެ. ވަރަށް ބޮޑު ގޯހެކެވެ. ރުޅީގެ ސަބަބުން ކައިވެނިތައް ރޫޅިފައި އެބަހުއްޓެވެ. އެހެންކަމުން ރުޅި އައިސް ހުރެ އެއްވެސް އެއްޗެއް ނުބުނާށެވެ. އަދި އެއްވެސް ނިންމުމެއްވެސް ނުނިންމާށެވެ. 

ކުށް ގަބޫލުނުކުރުން

ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. ގޯހެއްވެސް ހެދިފައި އޮވެދާނެއެވެ. ނަމަވެސް ކުށް ކުރެވުނުކަން ގަބޫލުނުކޮށް އަނެކާގެ ކުށް ދައްކަން ނަހަދާށެވެ. ކުށެއް ކުރެވުނުނަމަ ތިމާއަށްވެސް ކުރެވުނީ ކުށެއްކަން ގަބޫލުކުރާށެވެ.

 މާޒީގެ ވާހަކައިން ސަލާމަތްނުވުން

ފާއިތުވެ ގޮސްފައިވާ ވަގުތެއް އަނބުރާ ނުގެނެވޭނެއެވެ. ކުރެވިފައި އޮތް ކަމެއް އެއީ ނުކުރެވޭ ކަމަކަށްވެސް ނެހެދޭނެއެވެ.

ދިމާވާ ކަމެއް އިތުރަށް ގޯސްކުރުމަށް، ވަރަށް ގިނައިން ބައިވެރިޔާއަށް މާޒީގައި ހެދިފައިވާ ގޯހެއް ދައްކާތަން ފެނެއެވެ. މިއީ މައްސަލަ އިތުރަށް ގޯސްކުރުމަށް ކުރެވޭ ކަމެކެެވެ.

ވަގުތު ނުދެވުން

ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ނުދެވުމަކީ ކައިވެނި ރޫޅެން މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. ރާއްޖޭގެ ކަންކަން ހުންނަ ގޮތުން ބައެއް މީހުންނަކީ އާއިލާއާއި ދުރުގައި ތިބެ ވަޒީފާ އަދާކުރާ މީހުންނެވެ. އެހެން ނަމަވެސް ވީވަރަކުން އާއިލާއަށް ވަގުތު ދޭށެވެ.

ލިބޭ ޗުއްޓީގައި، މަސައްކަތް އެއްކޮށް އެއްފަރާތްކޮށް އާއިލާއަށް ވަގުތު ދޭށެވެ. އާއިލާ ގާތަށް ނާދެވޭނަމަ ކޮންމެ ދުވަހަކުވެސް އާއިލާއަށް ފޯނު ކުރެވޭތޯ ބަލާށެވެ.

ހައްލުކުރަން ބޭނުންނަމަ މައާފަށް އެދޭ

ގޯހެއް ހެދިއްޖެ ނަމަ އަބަދުވެސް މައާފަށް އެދޭށެވެ. މައާފަށް އެދުމަކީ އަނެކާގެ "ދަށުވުމެއް ނޫނެވެ." މިއީ ރީތި ސިފައެކެވެ. ބައިވެރިޔާ މައާފަށް އެދުމުން އިތުރަށް މައްސަލަ ގޯސްކުރަން ނަހަދައި މައާފުކުރާށެވެ.