ރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

ހުމާއި އަރިދަފުސް ރޯގާ އަދި ފުލޫއަކީ ވަރަށް އާންމު ކަމެކެވެ. މިއީ ވަރަށް ފަސޭހައިން އެކެއްގެ ފަރާތުން އަނެކަކަށް ޖެހޭ ބަލިތަކެކެވެ. ރޯގާ ޖެހިގެން އުޅޭ ނަމަ މީހުން އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް ސިއްހީ މާހިރުން އިލްތިމާސްކުރަނީ ރޯގާ ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށެވެ.

މިފަދަ ރޯގާތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް، ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.

އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަން ދިނުން

ރޯގާތަކުން ރައްކާތެރިވުމަށް، ގިނަގިނައިން އަތް ދޮވެ ސާފުކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ. އެގޮތުން އަތް ދޮންނައިރު، ކުޑަކޮށް ހޫނު ފެން ބޭނުން ކުރުމަށާއި ރަނގަޅު އެންޓިބެކްޓިރިއަލް ސައިބޯންޏެއް ބޭނުން ނުކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ. އޭގެ އިތުރުން ހޭންޑް ސެނިޓައިޒާއެއްވެސް ބޭނުން ކުރެވިދާނެވެ.

ކެއްސާ ކިނބި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުމަކީ މުހިންމު ކަމެކެވެ. އަދި އޭގެ ފަހުން އަތް ރަނގަޅަށް ސާފުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުން

ބަލިތަކުން ރައްކާތެރިވުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރަން ޖެހެއެވެ. އެވަރެޖްކޮށް ކޮންމެ މީހަކަށްވެސް، ކޮންމެ ރެއަކު އަށް ގަޑިއިރުގެ ނިދި ބޭނުންވެއެވެ. ހަމައަށް ނިދި ނުލިބޭ މީހުންނަށް ރޯގާ ޖެހުމުގެ ފުރުސަތު ބޮޑެވެ.

ކަސްރަތު ކުރުމަކީ އިންސާނާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ ކަމެކެވެ. ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓް ކަސްރަތު ކުރުމަކީ ހުމާއި އަރިދަފުސް ރޯގާ ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

ކެއިންބުއިމުގައި ބޭނުންކުރެވެނީ ތާޒާ ކާބޯތަކެތިކަން ކަށަވަރުކުރާށެވެ. ހަކުރާއި ލޮނު އަދި ތެޔޮ އެކުލެވޭ ތަކެއްޗާއި ދުރުހެލިވެ ކުލަގަދަ މޭވާ އާއި ތަރުކާރީ ކެއުމުގައި ހިމަނާށެވެ.

ރޯގާގެ އަލާމާތްތަކަށް ސަމާލުވުން

ރޯގާގެ އަލާމާތްތައް ނުފިލާ ތިން ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެ ނަމަ ވީހާވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. ޑޮކްޓަރެއްގެ އިރުޝާދާއި ނުލާ ބޭސް ބޭނުންނުކުރާށެވެ.