މިދިޔަ މަހު އެންމެ ގިނައިން ޑައުންލޯޑް ކުރި އެޕްލިކޭޝަނަކީ ޓެލެގްރާމް

މިއަހަރުގެ ޖެނުއަރީ މަހު އެންމެ ގިނައިން ޑައުންލޯޑް ކުރެވުނު ނޮން-ގޭމިންގް އެޕްލިކޭޝަނަކީ ޓެލެގްރާމް ކަމަށް އެނަލިޓިކް ސައިޓެއް ކަމަށްވާ ސެންސާ ޓަވާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސެންސާ ޓަވާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު 63 މިލިއަން ފަހަރު ޓެލެގްރާމް ޑައުންލޯޑްކޮށްފައިވެއެވެ. ޖެނުއަރީ މަހު އިންޑިއާއިން އެކަނިވެސް 15 މިލިއަން މީހުން ޓެލެގްރާމް ޑައުންލޯޑްކޮށްފައިވެއެވެ.

ޓެލެގްރާމް ޑައުންލޯޑްކުރި މިންވަރު އިތުރުވި އެއް ސަބަބަކީ ވަޓްސްއެޕް އެޕްލިކޭޝަންގެ ޕްރަައިވަސީ ޕޮލިސީ ކަމަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

މިދިޔަ މަހު ދެވަނައަށް އެންމެ ގިނައިން ޑައުންލޯޑް ކުރި އެޕްލިކޭޝަނަކީ ޓިކްޓޮކްއެވެ. 62 މިލިއަން މީހުން، މިދިޔަ ޖެނުއަރީ މަހު ޓިކްޓޮކް ޑައުންލޯޑްކޮށްފައިވެއެވެ. ސެންސާ ޓަވާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަަހަރުގެ ޑިސެމްބަރު މަހު އެންމެ ގިނަ މީހުން ޑައުންލޯޑްކުރި އެޕްލިކޭޝަނަކީވެސް ޓިކްޓޮކްއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ތިންވަނައަށް އެންމެ ގިނަ މީހުން ޑައުންލޯޑްކުރި އެޕްލިކޭޝަނަކީ ސިގްނަލްއެވެ. ލިސްޓުގެ ހަތަރުވަނަ ފޭސްބުކްއަށް ލިބޭއިރު ފަސްވަަނަ ލިބެނީ ވަޓްސްއެޕް އަށެވެ. ވަޓްސްއެޕް މީގެ ކުރިން އޮތީ ލިސްޓްގެ ތިންވަނައިގައެވެ.