ޕިޖާމާ ދިއްލޭނީ މަޑުމަޑުން އޮތުމުން ކަމަށް ބުނުމުން ޖެސިކާގެ ދެ ކުދިން އޮށޯވެ

ދަރިން މައިތިރިކުރުވި މަންމަގެ އުކުޅު ވައިރަލްވެއްޖެ

ކުޑަކުދިން އަބަދުވެސް އުޅޭނީ އެ ކުދިންގެ ހިޔާލީ ދުނިޔެއެއްގައެވެ. ބެލެނިވެރިން  ބުނާ ބަހެއް ގިނަ ފަހަރު ގަބޫލެއް ނުކުރާނެއެވެ. މަޑުމަޑުން ތިބުމަށް ބުނި ކަމުގައި ވިޔަސް މަޑަކުން ނުތިބޭނެއެވެ. ބައެއް ފަހަރު ކުދިން ނިންދެވޭނީވެސް ވަރަށް މަސައްކަތުންނެވެ.

އިންޓަނެޓްގައި މިހާރު ވައިރަލްވަމުން ދަނީ މަންމައަކު، އޭނާގެ ކުޑަ ދެ ކުދިން ނިންދަވަން ތައްޔާރުކުރުމުގެ ގޮތުން ބޭނުންކުރި އުކުޅެއް ދައްކުވައިދޭ ފޭސްބުކް ޕޯސްޓެކެވެ.

ޖެސިކާ ނަމަކަށް ކިޔާ މި މަންމަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އަނދިރިވުމުން ދިއްލޭ ގޮތަށް ފަރުމާކޮށްފައިވާ ޕިޖާމާތަކެއް އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅަށާއި ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ގަނެދިން ކަމަށެވެ.

ކުދިން ނިންދަވާ ވަގުތު ކައިރިވުމުން، އެ ކުދިންނަށް ޖެސިކާ ބުނީ ސީލިންގްގައިވާ ބޮކިން ޕިޖާމާ ރީޗާޖް ވާނެ ކަމަށެވެ. އެއާއެކު އެ ކުދިން ކުޅޭ ތަކެތި ދޫކޮށްލައި ލިވިންގ ރޫމްގެ ތަޅުންމަތީ އޮށޯވެ މަޑުމަޑުން އޮންނަ މަންޒަރު ފޮޓޯ އިން ފެނެއެވެ.

"އެ ކުދިން އޮށޯވެ އޮތް 10 ވަރަކަށް މިނެޓް ވަންދެން" ޖެސިކާ ބުންޏެވެ.

އެއަށްފަހު އެކުދިން ގޮވައިގެން ނިދާ ކޮޓަރިއަށް ގޮސް، އެ ކޮޓަރީގެ ބޮކިތައް ނިއްވާލުމުން، އަނދިރީގައި ދިއްލޭ ގޮތަށް ފަރުމާކޮށްފައި ހުރި ޕިޖާމާތައް ދިއްލެއެވެ.

"ކުދިން މިކަމާ ވަރަށް ގަޔާވި، ވަރަށް މަޖާ ކަމަކަށްވީ މިކަން" ޖެސިކާ ބުންޏެެވެ.

ކުދިން މައިތިރިކުރުވަން ބެލެނިވެރިން އެކި އުކުޅުތައް ގެންގުޅެއެވެ. ޖެސިކާގެ މި އުކުޅު ތަޖުރިބާ ކުރާނެ ކަމަށް ޖެސިކާގެ ޕޯސްޓަށް ކޮމެންޓްކުރާ މީހުން ދަނީ ބުނަމުންނެވެ.