ކޮންކަހަލަ ޑައިޓެއްތަ ނަގަންވީ؟

ކޮންމެ އަހަރަކުވެސް އެތައް ބައިވަރު ވައްތަރުގެ ޑައިޓުތައް ތައާރަފު ވަމުންދެއެވެ. ގިނަފަހަރު މިއީ ނިއުޓްރިޝަންގެ ގޮތުން ހަމަނުޖެހޭ ހަށިގަނޑަށް ގެއްލުންލިބޭ ކަހަލަ ޑައިޓުތަކެވެ. މިކަހަލަ ޑައިޓުތަކުގައި ސަމާލުކަން ދީފައި ހުންނަނީ ވަކި ވައްތަރެއްގެ ކާއެއްޗަކަށެވެ. އަދި އެއްވެސް ވަރަކަށް ކަސްރަތު ކުރުން ނުވަތަ ހެލިފެލިވެ އުޅުމަށްވެސް މިކަހަލަ ޑައިޓުތަކުގައި ނުބަލާނެއެވެ. މިކަހަލަ ޑައިޓުތަކަށް ކިޔަނީ "ފެޑް" ޑައިޓެވެ.

ފެޑް ޑައިޓުތަކުން ވަރަށް އަވަހަށް ހަށިގަނޑަށް ބަދަލު އަންނަތަން ފެންނާނެއެވެ. ނަމަވެސް ހިކޭއިރު ގެލެންޖެހޭ ފެޓް ޓިޝޫތަކުގެ ބަދަލުގައި މިކަހަލަ ޑައިޓުތަކުން ހަށިގަނޑު ގެއްލިގެން ދަނީ ފެނާއި މަސަލް ޓިޝޫއެވެ. މިހެންވެ ކެއުން ކުރިން ހުންނަ ގޮތަށް ބަދަލު ކޮށްލާއިރަށް ކުއްލިއަކަށް ގެއްލުނު ބަރުދަނަށް އަނެއްކާ އަންނާނެއެވެ. އަދި އިތުރަށް ބަރުވުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ފެޑް ޑައިޓު ދެނެގަންނާނީ ކިހިނެއް؟ ފެޑް ޑައިޓުގައި ބޮޑަށް ސަމާލުކަން ދީފައި ހުންނާނީ އެއްވައްތަރެއްގެ ކާއެއްޗަކަށެވެ. ހުރިހާ ބާވަތެއްގެ ކާއެއްޗެހި ހިމަނައިގެން ހަދާފައި ހުންނަ ބެލެންސްޑް ޑައިޓާ ހާސްބައި ތަފާތުވާނެއެވެ. ޖޫސް ޑައިޓު ތަކަކީވެސް މީގެ ބާވަތެކެވެ. ކަސްރަތު ކުރުންވެސް ފެޑް ޑައިޓު ތަކުގައި ނުހިމެނޭނެއެވެ. އަދި ކުޑަ ދުވަސްކޮޅެއް ތެރޭގައި އެތައްތަނެއް ލުއި ކޮއްދިނުމުގެ ވައުދު މި ޑައިޓުތަކުން ވާނެއެވެ.

ބައެއްމީހުން ހަދާ އެންމެ ބޮޑު ގޯހަކީ ޖޮގިން ނިމިގެން ގަދަޔަށް ކެއުމެވެ. މިހެން ހެދުމުން ގެއްލުނު ފެޓް ޓިޝޫތައް އަނެއްކާވެސް އެކްސްޕޭންޑްވެ އެ ޓީޝޫތައް ހިނދުމުގެ ފުރުސަތެއް ނުލިބޭނެއެވެ. ޖޮގިންއަށް ނުވަތަ ޖިމްއަށް ދިއުމުގެ ކުރިން ލުއިކޮށް ކާލާށެވެ. އޭރުން ރަނގަޅުވާނެއެވެ.