"ޝުގަރ-ފްރީ" ގެ މާނަ އަކީ ހަމަ ހަކުރު ނެތީ އޭތަ؟

ޑައިޓް ކުރަމުންދާއިރުވެސް "ޝުގަރ-ފްރީ" ޖަހައިފައި ހުންނަ ތަކެތި އަހަރެމެން އެއްވެސް ޖެހިލުމެއްނެތި ކަމުންދާއިރު "ޝުގަރ-ފްރީ"ގެ މާނައަށް ދުވަހަކުވެސް ވިސްނާލިން ހެއްޔެވެ؟ "ޝުގަރ-ފްރީ"ގެ މާނަ އަކީ "ނޯ-ޝުގަރ" އެއްނޫނެވެ. ނުވަތަ ހަކުރު ނެތް ޕްރޮޑަކްޓެއްނޫނެވެ.

އަހަރެމެން ސައި ނުވަތަ ޖޫސް ގިރާއިރު، ނުވަތަ ކޭކުއަޅާއިރު އެޔަށް އިތުރު ހަކުރު އަޅާ ބީދާއިން ކާ އެއްޗެހި ބަންދު ކުރާ މީހުންވެސް އެ އެއްޗިހީގައި ފޮނި ރަހަ ލައްވަން އުފައްދައިފައިވާ "ހަކުރު" ނުވަތަ އާޓިފިށިއަލް ސްވީޓްނާސް އަޅައެވެ. އާންމުކޮށް ފްރުކްޓޯސް ގިނައިން އެކުލެވިގެންވާ ކޯން ސިރަޕް ބަންދުކުރާ ޖޫސް، ބިސްކޯދު ފަދަ އެއްޗިހީގައި ހުންނާނެއެވެ. ޔޯގަޓް ފަދަ ލޯ-ފެޓް ޕްރޮޑަކްޓް ތަކުގައިވެސް ވަރަށް ގިނައިން ހަކުރު ހުންނަ ކަމަށް ވެއެވެ.

އިންޑިއާގެ ޕޫންގެ "ފްރީޑޮމް ފްރޮމް ޑައިބީޓީސް ސެންޓަރ"ގެ ފައުންޑަރ، ޑރ. ޕްރަމޯޑް ޓްރިޕާތީ ބުނާ ގޮތުން "ޝުގަރ-ފްރީ" އާއި "ނޯ އެޑެޑް ޝުގަރ" އަކީވެސް އެކައްޗެއް ނޫނެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ގައިޑްލައިންތައް ބުނާގޮތުން "ނޯ އެޑެޑް ޝުގަރ"ގެ މާނައަކީ ކާ ތަކެތި ބަންދު ކުރުމުގެ ތެރޭގައި އެއްވެސް ހަކުރު ހިމެނޭ ބާވަތެއް ބޭނުން ކުރެވިފައި ނުވާކަން. އެކަމަކު "ޝުގަރ-ފްރީ" ގެ މާނަ އަކީ ކޮންމެ ސާވިންގް އެއްގައި މަދުވެގެން 0.5 ގްރާމް ހަކުރު އެކުލެވިގެން ވާނެއޭ. އެއީ ގުދުރަތީ ގޮތުން އުފެދިފައިވާ ހަކުރު ވިޔަސް ނުވަތަ ހަކުރު ހިމެނޭ ބާވަތެއް ވިޔަސް. މިއިން އެއްވެސް ބަހެއްގެ މަނައިގައި އާޓިފިޝިއަލް ސްވީޓްނާސްގެ ވާހަކަ އައިސްފައެއް ނުވޭ." ޑރ ޓްރިޕާތީ އޮޅުން ފިލުވަދިނެވެ.

މި 0.5 ގްރާމްގެ ހަކުރުތެރޭގައި ހިމެނޭ ހަކުރަކީ "ފްރީ-ޝުގަރ" އެވެ. މިއީ ގުލުކޯޒް، ފްރުކްޓޯސް، ޑެކްސްޓްރޯސް، ސުކްރޯސް، މަލްޓޯސްގެ އިތުރުން މާމުތުންނާއި، މޭވާއިންނާއި، މޭވާގެ ޖޫހުގައި ހުންނަ ހަކުރެވެ.

މިގޮތައް ކެވޭ ހަކުރުން ދިމާވާ މައްސަލަ އަކީ ކޮބައިހެއްޔެވެ؟ ހަކުރަކީ ހަށިގަނޑުން ގުލުކޯޒަށް ބަދަލު ކޮށްގެން ހަށިގަނޑުގައި ހަކަތަ އުފައްދަން ބޭނުންވާ މާއްދާއެކެވެ. އެޑެޑް ޝުގަރ ގުދުރަތީގޮތުން މޭވާގައި ހުންނަ ހަކުރަށް ވުރެން އަވަހަށް ހަށިގަނޑު ތެރެއަށް ވިރޭނެއެވެ. މިހެން ވުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު މާ އަވަހަށް މައްޗަށް ދާނެއެވެ.

ހަށިގަނޑަށް ކެލޮރީ އިތުރުކޮށް ދިނުމުގެ އިތުރުން މި ބާވަތުގެ ހަކުރުގައި އެއްވެސް ނިޔުޓްރިޝަންއެއް ނުހުންނާނެއެވެ. މި ކެލޮރީއަށް ކިޔާ އުޅެނީ "އެމްޕްޓީ ކެލޮރީ"އެވެ. މީގެ ސަބަބުން ބަރުދަން އިތުރުވެ، ހަކުރުބަލި ޖެހުމަށް މަގު ފަހިވެއެވެ. މާ ގިނައިން ހަށިގަނޑުގައި ހަކުރު ހުންނަނަމަ އަބަދު މޫޑް ބަދަލުވުން، ކަންކަމުގައި ސަމާލުކަންދޭން ވާވަރަށް ސަމާލުކަން ނުދެވުން، އަބަދު ހަކުރުގެ މިންވަރު ބަދަލުވުން، އަދި މީގެ އިތުރު ހިތުގެ ބަލިތަކަށްވެސް މަގުފަހިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ގަވައިދުތަކުގައިވާ ގޮތުން ބޮޑީ މާސް އިންޑެކްސް ނުވަތަ ބީއެމްއައި ރަނގަޅު މިންވަރުގައި ހުންނަ ބޮޑު މީހެއްގެ ދުވާލެއްގެ ކެއުމުގައި ހަކުރު ހިމެނުން އެންމެ ރަނގަޅީ ފަސް ސައި ސަމުސަލެވެ. ނަމަވެސް މީގެ އިތުރުން ގުތުރަތީ ގޮތުން އުފެދިފައިވާ ހަކުރު ކެއުން ރަނގަޅުވާނެއެވެ. ސަބަބަކީ މި ހަކުރު ހުންނާނީ މޭވާ ފަދަ ހަށިގަނޑަށް އިތުރުފައިދާ ލިބޭ ބާވަތްތަކުގައި ކަމަށްވާތީއެވެ.

ސިއްޙަތަށް ގެއްލުން ހުރި ބާވަތްތައް މަދުކުރުމުގައި ޕެކެޓުގައި ހިމެނޭ އިންގްރެޑިއެންޓްސްތައް ކިޔާށެވެ. އެތަނުން ރަނގަޅު ނޫން އެޑެޑް ޝުގަރ ދެނެގަންނާށެވެ. އަދި ކޭކުފަދަ ފަނި އެއްޗެހި މަދުކޮށް މޭވާ ކާން އާދަ ކުރާށެވެ.