އިންޓެލްގެ އާ ޕްރޮސެސާތައް ތައާރަފުކޮށްފި

އިންޓެލް އިން 10 ވަނަ ޖެނެރޭޝަންގެ ޕްރޮސެސާތައް ލޯންޗްކޮށްފިއެވެ.

ކޮމްޕިއުޓާ ޕްރޮސެސާ އުފައްދާ ކުންފުނި، އިންޓެލް އިން ވަނީ ކޯ އައި3، ކޯ އައި5، ކޯ އައި7 އަދި ކޯ އައި9 ގެ 10 ވަނަ ޖެނެރޭޝަންގެ މޮޑެލްތަކުގެ ޕްރޮސެސާތައް ތައާރަފުކޮށްފައެވެ.

މީގެ ތެރެއިން ފާހަގަކޮށްލެވެނީ ކޯ އައި9-10900 ކޭ މޮޑެލްގެ ޕްރޮސެސާއެވެ. އިންޓެލް އިން ހާމަކުރާ ގޮތުގައި އެ ޕްރޮސެސާއަކީ އިންޓެލްގެ އެންމެ ހަލުވި ގޭމިންގް ޕްރޮސެސާއެވެ.

އިންޓެލް އިން ވަނީ ކޯ އައި9 ގެ 10 ވަނަ ޖެނެރޭޝަންގެ ހަތަރު މޮޑެލެއްގެ ޕްރޮސެސާ ތައާރަފުކޮށްފައެވެ. ކޯ އައި9-10900 ކޭގެ އިތުރުން ތައާރަފުކޮށްފައިވަނީ ކޯ އައި9-10900 ޕްރޮސެސާ އާއި ކޯ އައި9-10900 ޓީ ޕްރޮސެސާ އަދި ކޯ އައި9-10980 އެޗްކޭ ޕްރޮސެސާއެވެ.

ކޯ އައި7 ގެ 10 ވަނަ ޖެނެރޭޝަންގެ 10 މޮޑެލް، ކޯ އައި5 ގެ 15 މޮޑެލް އަދި ކޯ އައި3 ގެ އަށް ޕްރޮސެސާ ވަނީ ތައާރަފުކޮށްފައެވެ.

ދަ ވާޖް އިން ހާމަކޮށްފައިވާ ގޮތުން، ކޯ އައި9-10900 ކޭ މޮޑެލްގެ ޕްރޮސެސާގެ އަގަކީ 488 ޑޮލަރެވެ. ކޯ އައި7 10700 ކޭ ޕްރޮސެސާގެ އަގަކީ 374 ޑޮލަރެވެ.