ފޭސްބުކްއަށް ލާ ފޮޓޯތަކުގެ އޯނަޝިޕް ކްލެއިމް ކުރެވޭ ގޮތަށް ހަދަނީ

ފޭސްބުކްއަށް ލާ ފޮޓޯތަކުގެ އޯނަޝިޕް ކްލެއިމް ކުރެވޭ ގޮތަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ފޭސްބުކްގެ ރައިޓްސް މެނޭޖްމަންޓް ޕްލެޓްފޯމްގެ އަދާހަމައާއެކު ފޮޓޯގެ އޯނަޝިޕްއަށް ކްލެއިމް ކުރެވޭނެއެވެ. މި އަދާހަމައާއެކު، އިންސްޓަގްރާމަށް ލާ ފޮޓޯތަކުގެ އޯނަޝިޕަށްވެސް ކްލެއިމް ކުރެވޭނެއެވެ.

މިސާލަކަށް: "ނެޝަނަލް ޖިއޮގްރަފީ" ކަހަލަ ބްރޭންޑަކުން ފޭސްބުކްގެ ރައިޓްސް މެނޭޖާ މެދުވެރިކޮށް ފޭސްބުކްއަށް އަޕްލޯޑްކުރާ ފޮޓޯތައް މޮނީޓާކުރެވިގެންދާނެއެވެ. އެހެން ބަޔަކު، އެ ފޮޓޯ އެހެން ފޭސްބުކް ޕޭޖެއް ނުވަތަ އިންސްޓަގްރާމްގައި ހިއްސާކުރި ނަމަ އެކަން އެނގޭނެއެވެ. އެފަދަ ޕޭޖެއްގައި އެފޮޓޯ ބެހެއްޓުން ނުވަތަ އެ ޕޭޖުން ފޮޓޯ ނަގަން ބޭނުންނަމަ އެ އިހުތިޔާރު "ނެޝަނަލް ޖިއޮގްރަފީ" އަށް ލިބޭނެއެވެ.

ކޮޕީރައިޓް ކްލެއިމް ކުރާއިރު، ފޭސްބުކްގެ ރައިޓްސް މެނޭޖަރަށް، ސީއެސްވީ ފައިލް އަޕްލޯޑްކުރަން ޖެހޭނެއެވެ. އެއް ފޮޓޯއަކަށް، އެކަކަށްވުރެ ގިނަ ބަޔަކު އޯނަޝިޕް ކްލެއިމްކުރާނަމަ ފޭސްބުކް އިން އެ ފޮޓޯގެ ހައްގުވެރި ފަރާތަކީ ފުރަތަމަ ކްލެއިމް ކުރި ފަރާތްކަމަށް ނިންމާނެއެވެ. އެ ނިންމުން އެޕީލް ކުރަން ބޭނުން ނަމަ ޖެހޭނީ ފޭސްބުކްގެ އައިޕީ ރިޕޯޓިން ފޯމެއް ފުރާށެވެ.