ގުގުރި ދެމުން ހައްލުކޮށްލަން ކުރެވޭނެ ބައެއް ކަންތައްތައް

އެއް ކޮޓަރީގައި ނިދާފައި އޮންނަ މީހަކު ގުގުރި ދަމާނަމަ، އެކަމުގެ ސަބަބުންވާ އުނދަގޫތައް އެންމެ ބޮޑަށް ތަޖުރިބާ ކުރެވޭނީ ދެން އެ ކޮޓަރީގައި ނިދާ މީހަކަށް ނުވަތަ ބަޔަކަށެވެ.

އާންމުކޮށް ގުގުރި ދެމެނީ، ނޭވާ އެތެރެއަށްލާއިރު އެ ވައި ކަރު ތެރެއަށް ގޮސް ކަރު ތެރޭގައި ހުންނަ ޓިޝޫތަކަށް އަންނަ ވައިބްރޭޝަނެއްގެ ސަބަބުންނެވެ. މި އަޑަކީ ބައެއް ފަހަރު ވަރަށް ގަދަ އަޑަކަށްވެސް ވެދާނެއެވެ.

ބަރުދަން އިތުރުނަމަ، ބަރުދަން ލުއިކޮށްލުން

ބޮޑީ މާސް އިންޑެކްސް ޗެކްކޮށްލާށެވެ. ބަރުދަން މަތީގައި ހުރި ނަމަ ބަރުދަން ލުއިކޮށްލާށެވެ. ބަރުދަން ލުއިވާއިރު، ގުގުރި ދެމުމަށް މެދުވެރިވާ ޓިޝޫތައް މަދުކޮށްލައެވެ. މީގެ ސަބަބުން ގުގުރިދެމޭ އަޑު ކުޑަކޮށްދެއެވެ.

ނިދުމުގެ ސްޓައިލް ބަދަލުކޮށްލުން

ނިދަން އޮވެވޭ ގޮތުގެ ސަބަބުންވެސް ގުގުރި ދެމިދާނެއެވެ. އުއްޑުން އޮވެ ނިދުމަކީ ގުގުރި ދެމުމަށް މެދުވެރިވާ ކަމެކެވެ. އުއްޑުން އޮވެ ނިދުމުން، ދޫ ކަރުބުޑަށް ދާގޮތްވެއެވެ. ނަތީޖާއަކީ، ނޭވާލާއިރު ކަރުތެރެއަށް ވަންނަ ވައި ވަނުމަށް ލިބޭ ޖާގަ ކުޑަވުމެވެ. މިކަން ހައްލުކޮށްލުމަށް، އަރިއަކަށް އޮވެ ނިދާލާށެވެ. ރަނގަޅީ ކަނާތް ފަރާތަށް އޮވެ ނިދުމެވެ.

ނިދާއިރު، ބޯލާކޮޅު ކުޑަކޮށް އުސްކޮށްލާށެވެ. ގާތްގަނޑަކަށް ހަތަރު އިންޗިއެއްހާ މިންވަރަށް އުސްކޮށްލުމަކީވެސް، ގުގުރި ދެމުން ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ. ބޯލާކޮޅު އުސްކޮށްލުމުން ނޭވާލާ ނިޒާމު އިތުރަށް ހުޅުވިގެންދާނެއެވެ.

8 ގަޑިއިރުގެ ނިދި ވަރަށް މުހިންމު

ނިދި މަދުވުމުގެ ސަބަބުންވެސް ގުގުރި ދެމިދާނެއެވެ. އެހެންވީމާ ކޮންމެ ރެއަކުވެސް މަދުވެގެން 8 ގަޑިއިރުގެ ނިދި ހަމަކުރާށެވެ.

ނިދީގައި ގުގުރި ދެމުމަށް މެދުވެރިވާ އިތުރު ސަބަބުތައްވެސް ހުރެއެވެ. އެލާޖީއެއްގެ ސަބަބުން، ނޭފަތުގެ މައްސަލައެއްގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބެއް ހުރެގެން ގުގުރި ދެމިދާނެއެވެ. ނިދީގައި ގުގުރި ދެމޭ މައްސަލަ ހައްލުނުވާނަމަ ދާއިރާގެ ހާއްސަ ޑޮކްޓަރެއްގެ އިރުޝާދު ހޯދާށެވެ.