ޔާހޫ އާންސާސް ހުއްޓާލަނީ

އެންމެ ގިނަ ދުވަސްވީ ސުވާލާއި ޖަވާބުގެ އެއް ޕްލެޓްފޯމްއަކީ ޔާހޫ އާންސާސްއެވެ. 2005 ވަނަ އަހަރު ފެށި މި ޕްލެޓްފޯމް ހުއްޓާލަން މިހާރު މިވަނީ ނިންމާފައެވެ.

ޔާހޫ އާންސާސް ވެބްސައިޓްގައި މިކަން ވަނީ އިއުލާނުކޮށްފައެވެ. އެ ވެބްސައިޓްގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މެއި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މި ޕްލެޓްފޯމް ހުއްޓާލާނެ ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ ޔާހޫ އާންސާސް ހުއްޓާލުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހު ފަށާނެ ކަމަށެވެ. އެ ދުވަހުން ފެށިގެން ބޭނުންކުރެވޭނީ ރީޑް-އޮންލީ މޯޑް ކަމަށާއި ޔާހޫ އާންސާސް ހުއްޓާލާނީ މެއި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކަމަށް ބުނެފައިވެއެވެ.

ޔާހޫ އާންސާސް ހުއްޓާލި ނަމަވެސް ޔާހޫގެ އެހެނިހެން ހިދުމަތްތަކަށް ބަދަލު ނާންނާނެ ކަމަށާއި ޔާހޫ އެކައުންޓަށްވެސް ބަދަލެއް ނާންނާނެ ކަމަށް ޔާހޫ އިން ބުނެފައިވެއެވެ. ޔާހޫ އާންސާސްގައި ތަފާތު އެކި މައުލޫތަކާއި ބެހޭ ގޮތުން މީހުން ސުވާލުކޮށްފައި ހުރެއެވެ. އެ ސުވާލުތަކަށް އެހެން މީހުން ޖަވާބުދެއެވެ.