އެމެޒޮން އޮންލައިން ފާމަސީގެ ހިދުމަތް އިންޑިއާއަށް

އެމެޒޮން އިން އިންޑިއާގައި އޮންލައިން ފާމަސީގެ ހިދުމަތް ތައާރަފުކޮށްފިއެވެ.

މި ހިދުމަތް މިވަގުތު ތައާރަފުކޮށްފައިވަނީ ބެންގަލޫރަށެވެ. އެމެޒޮން އިން މި ހިދުމަތް ތައާރަފުކޮށްފައި މިވަނީ، ކޮވިޑް-19 އާ ގުޅިގެން އޮންލައިންކޮށް ކުރެވޭ ބޭހުގެ ވިޔަފާރި އިތުރުވެފައި ވަނިކޮށެވެ.

ޑޮކްޓަރު ދެއްވާ ބޭހާއި އަޔުރްވެދާ މެޑިކޭޝަންގެ އިތުރުން ސިއްހީ ކަންކަމަށް ބޭނުންކުރާ އާލާތްތައް، އެމެޒޮންގެ މި ހިދުމަތުގެ ތެރެއިން ވިއްކާނެއެވެ. އޭގެ ތެރޭގައި ލޭގައި ހަކުރު އެކުލެވޭ މިންވަރު ބަލާ ޑިވައިސްތަކާއި ނެބިއުލައިޒާސް ހިމެނެއެވެ.

އިންޑިއާގައި މިހާރުވެސް އޮންލައިން ކޮށް ބޭހުގެ ވިޔަފާރި ކުރެއެވެ. ނަމަވެސް އެކަން ރެގިއުލޭޓް ކުރެވޭނެ ހަރުދަނާ ނިޒާމެއް ނޯވެއެވެ. އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި، އެމެޒޮން އިން ވަނީ މިއަހަރުގެ ތެރޭގައި އެތައް ބިލިއަން ޑޮލަރެއް އިންޑިއާއަށް އިންވެސްޓްކޮށްފައެވެ.