ގޫގުލްގެ ސީއީއޯ

2021 ގެ ޖުލައިގެ ކުރިން ގޫގުލްގެ އޮފީސްތައް ހުޅުވާނުލާން ނިންމައިފި

އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން، ގޫގުލްގެ އޮފީސްތައް ހުޅުވާނުލާން ނިންމައިފިއެވެ.

ގޫގުލްގެ ސީއީއޯ ސުންދަރް ޕިޗާއީ ވިދާޅުވި ގޮތުގައި، މަސައްކަތުގެ ގޮތުން ކޮންމެހެން އޮފީހުގައި މަސައްކަތްކުރަން ޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެންނެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މުވައްޒަފުން މަސައްކަތްކުރާނީ ގޭގައި ތިބެގެން ކަމަށް ސުންދަރް ވިދާޅުވިއެވެ.

އެމެރިކާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން، އެމެރިކާގައި ހުރި ގޫގުލްގެ އޮފީސްތައް ހުޅުވުން މިމަހުގެ ތެރޭގައިވެސް ވަނީ ފަސްކޮށްފައެވެ.

މިހާތަނަށް 16 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ. މިހާތަނަށް ކޮވިޑް-19 ގެ އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ އެމެރިކާއިންނެއެވެ. އެގައުމުން ހަތަރު މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ.