ޓްވިޓާއިން ގިނަ އަދަދެއްގެ އެކައުންޓްތަކެއް ޑިލީޓްކޮށްލަނީ

ޓްވިޓާ އެކައުންޓްތަކުގެ ތެރެއިން، ހަ މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުރި އެކައުންޓްތައް ޑިލީޓްކުރުމަށް ޓްވިޓާ އިން ތައްޔާރުވެއްޖެއެވެ.

ބޭނުންނުކުރާ އެކައުންޓްތައް ޑިލީޓްކުރުމަށް ނިންމާފައިވާއިރު، ޓްވިޓާ އެކައުންޓް އެކްޓިވޭޓްކޮށް ބެހެއްޓުމަށް އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ޓްވިޓާ އެކައުންޓުން ލޮގްއިން ވާންޖެހެއެވެ.

ޓްވިޓާ އިން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، މަރުވެފައިވާ މީހުންގެ ޓްވިޓާ އެކައުންޓްތައްވެސް ޑިލީޓްކުރުމުގެ މަގުސަދުގައެވެ. މިއީ މިހާ ފުޅާ ދާއިރާއެއްގައި، ޓްވިޓާއިން އެކައުންޓް ޑިލީޓްކުރާ ފުރަތަމަ ފަހަރެވެ.

ބޭނުންނުކުރާ އެކައުންޓްތައް ޑިލީޓްކޮށްލުމުން، މީގެ ކުރިން ލިބެން ނެތް ޔޫޒާނޭމްސް ލިބޭނެ ކަމަށް ޓްވިޓާ އިން ވަނީ ބުނެފައެވެ. ޓްވިޓާއަށް ލޮގްއިން ވުމަށްފަހު "ކަމެއް ނުކުރާ" މީހުންގެ އެކައުންޓްތަކާމެދު، މުސްތަގުބަލުގައި ގޮތެއް ނިންމާނެ ކަމަށް ޓްވިޓާއިން ވަނީ ބުނެފައެވެ.

އެކްޓިވް ނުވުމުގެ ސަބަބުން ޑިލީޓްކޮށްލާނެ އެކައުންޓްތަކުގެ އީމެއިލަށް، ޓްވިޓާއިން ވަނީ އެކަން އަންގާ އީމެއިލެއް ފޮނުވާފައެވެ. ޑިލީޓްކުރަނީ ކިތައް އެކައުންޓް ކަމެއް ޓްވިޓާއިން އަދި ހާމަނުކުރާއިރު އެ އަދަދު މިލިއަނުން ގުނާލެވޭނެ ކަމަށް ބެލެވެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 145 މިލިއަން މީހުން ޓްވިޓާ ބޭނުން ކުރެއެވެ.