އާ އަހަރާއެކު އުފާވެރިކަމަށް ކުރެވިދާނެ ބައެއް ކަންތައްތައް

މިއަހަރު މިވަނީ ނިމުމަކާއި ހަމައަށް އައިސްފައެވެ. މާދަމާއަކީ މީލާދީ އާ އަހަރެއް ފެށޭ ދުވަހެވެ. މި ފެށޭ އާ އަހަރަކީ، އުފާވެރި އަދި ހިތްހަމަޖެހޭ އަހަރަކަށް ހަދަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ.

އުފާވެރިކަމާއި ހިތްހަމަޖެހުމަށްޓަކައި އަބަދުވެސް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާށެވެ. އޭގެ ފަހަށް މިއީ، މި ފެށޭ އަހަރު ކޮށްލެވިދާނެ ބައެއް ކަންތައްތަކެވެ.

ކަސްރަތު ނުކުރާ މީހެއް ނަމަ، އާ އަހަރާއެކު، އާ އަޒުމަކާއެކު ކަސްރަތުކުރަން ފަށާށެވެ. ޖިމަށް ނުދިޔަ ނަމަވެސް ކަސްރަތު ކުރެވޭނެއެވެ. މޫދަށް ދިޔުމާއި ހިނގަން ދިޔުމަކީ ކުރެވިދާނެ ކަންތައްތަކެވެ. އެއާއެކު ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް އަޒުމު ކަނޑައަޅައި އެ ކަމަށް މަސައްކަތް ކުރެވިދާނެވެ.

މިއީ އާއިލީ ގުޅުމާއި އަވަށްޓެރިކަމުގެ ގުޅުމާއި އެކުވެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށްލާ އާ އަހަރަކަށް ހަދަން ހިނގާށެވެ. ގުޅުން ހީނަރުވެފައިވާ މީހުންނާއި ގުޅުން ބަދަހިކޮށްލާށެވެ. ގާތް ތިމާގެ މީހަކަށް ސަޕްރައިޒެއްވެސް ދެވިދާނެއެވެ. ނުވަތަ އާއިލާ އާއި ގާތް ތިމާގެ މީހުންނާއެކު ކައިރި ރަށަކަށް ދަތުރު ދިޔުމަކީވެސް ކޮށްލެވިދާނެ ކަމެކެވެ.

ކުރިއަށް އޮތް އަހަރު، އަހަރުގެ އެކި ހިސާބުތަކުން ސްކޫލު ކުދިންނަށް ޗުއްޓީ ލިބިގެންދާނެއެވެ. ދަރިންނާއި ދުރުގައި ރިސޯޓު ނުވަތަ ރަށްރަށުގައި މަސައްކަތްކުރާ މަންމައިންނާއި ބައްޕައިން، މީގެ ތެރެއިން ކޮންމެވެސް އެއް ޗުއްޓީއެއް ދަރިންނާއެކު ހޭދަކޮށްލުމަށް މަސައްކަތްކޮށްލާށެވެ.

ތިމާ ބޭނުން ނުކުރާ، ނަމަވެސް ދެވަނަ ފަރާތަކަށް ބޭނުންކުރެވޭ ފަދަ ހާލަތެއްގައި ހުރި ސްކޫލު ދަބަސް، އަންނައުނު ފަދަ އެއްޗެއް އޭގެ ބޭނުން ޖެހިފައިވާ މީހަކަށް ދިނުމަކީ ކޮށްލެވިދާނެ ކަމެކެވެ.

ޑައިރީ ލިޔަން ހެއްޔެވެ؟ މިއީ އާ އަހަރާއެކު ކޮށްލެވިދާނެ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ހިނގި ފާހަގަކޮށްލެވޭ ކަންކަން ނޯޓުކޮށްލާށެވެ. އަހަރު ނިމުމުން، އެ ހަނދާންތައް އާކޮށްލެވިދާނެއެވެ.

އެޕާޓްމަންޓްގައި މިވަގުތު ފަރުނީޗަރުތައް ހުރި ސެޓަޕް ބަދަލުކޮށްލެވިދާނެއެވެ. އާ އަހަރާއެކު ގޭތެރެއިންވެސް އާ ކަމެއް އޭރުން ފާހަގަވާނެއެވެ. މިކަމަށް ކޮންމެހެން އާ ފަރުނީޗަރު ހޯދާކަށް ނުޖެހޭނެއެވެ. އެނދާއި އަލަމާރި ހުރި ފަރާތް ބަދަލުކޮށްލާ ޑްރެސިންގް ޓޭބަލް ހުރި ފަޅި ބަދަލުކޮށްލެވިދާނެއެވެ.

އަހުމަދު

ވަރަށް ރަނގަޅު ވާހަކައެއް