ކުދިން ފޮނުވަން ސްކޫލެއް ކަނޑައަޅާއިރު ބަލަންޖެހޭ ބައެއް ކަންކަން

ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައި ދިނުމަކީ، ކޮންމެ ބެލެނިވެރިއަކުވެސް އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަންތަކެވެ.

އެގޮތުން ދަރިފުޅު ކިޔަވަންދާ ސްކޫލެއް އިހުތިޔާރު ކުރުމުގައި، ބައެއް ގައުމުތަކުގައި ބެލެނިވެރިން ބަލާ ކަންތައްތަކެއް ހުރެއެވެ.

ކުދިންގެ އަދަދު

ދިރާސާތަކުން ދައްކާ ގޮތުން، އެއް ކުލާހެއްގައި ކިޔަވާ ކުދިންގެ އަދަދު މަދު ނަމަ، އެ ކުލާހެއްގެ ކުދިންގެ ކިޔެވުމުގެ ފެންވަރު ރަނގަޅެވެ. ކުލާހެއްގައި ތިބޭ ކުދިންގެ އަދަދު މަދުވުމަކީ، ޓީޗަރަށް އެ ކުދިންނަށް ކިޔަވައި ދިނުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

ނަތީޖާއަކީ ފިލާވަޅުތައް ދަސްކުރުމަށް ކުދިންނަށް ފަސޭހަވުމެވެ. އަދި ޓެސްޓްތަކުން ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅުވުމެވެ.

ބައެއް ސްކޫލުތަކަކީ، އެއް ކުލާހެއްގައި ގިނަވެގެން ކުދިން ތިބޭނެ އަދަދު ދުރާލާ ކަނޑައަޅައި، އިއުލާނުކޮށްފައިވާ ސްކޫލުތަކެކެވެ.

ސްކޫލުގެ ސްޓޭންޑަޑްތައް

ބައެއް ގައުމުތަކުގައި، ބައެއް ސްކޫލުތަކަކީ ވަރަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅި، އެ އުސޫލުތަކަށް ހިންގަމުން އަންނަ ސްކޫލުތަކެކެވެ.

ދަރިވަރުންގެ ފަރާތުން، ދަރިވަރަކު ބުލީ ކުރެވޭއިރު އެކަމާމެދު އަޅާ ނުލާ ސްކޫލުތައް ހުރެއެވެ. ހަމައެއާއެކު މިފަދަ ކަންކަން ބަލައި، ދަރިވަރުންނަށް ނަސޭހަތް ދިނުމާއި މިފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރާ ސްކޫލުތައްވެސް ހުރެއެވެ.

ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތައް 

ކިޔެވުމެކޭ އެއްފަދައިން، ސްކޫލުތަކުގައި ހިންގޭ އެކްސްޓްރާ-ކަރިކިއުލާ ހަރަކާތްތަކަކީވެސް ދަރިވަރުންނަށް މުހިންމު ހަރަކާތްތަކެކެވެ. ދަރިވަރުންނަށް އެ ދަރިވަރުންގެ އުމުރު ފުރާ އާއި ގުޅޭ ގޮތުން ހާއްސަ ހަރަކާތްތައް، އެކި ގައުމުތަކުގެ ސްކޫލުތަކުގައި ހިންގައެވެ.

ސްކައުޓް، ކެޑޭޓް، ގައިޑް، ލައިފް-ސްކިލްސް ފަދަ ހަރަކާތްތަކަކީ، ވަރަށް ގިނަ މައުލޫމާތާއި ހުނަރު ދަރިވަރުންނަށް އުނގަންނައިދޭ ހަރަކާތްތަކެކެވެ. މިފަދަ ހަރަކާތްތައް ހިންގާ ސްކޫލެއް އިހުތިޔާރުކުރުމަކީ ގިނަ ބެލެނިވެރިން ސަމާލުކަންދޭ ކަމެކެވެ.

ސްކޫލުން ހޯދާފައިވާ ކާމިޔާބީތައް

ކޮންމެ ބެލެނިވެރިއަކުވެސް ބޭނުންވާނީ އެ މީހެއްގެ ދަރިފުޅަކީ ތައުލީމީ ގޮތުން ކާމިޔާބު ދަރިއަކަށް ހެދުމަށެވެ. މި ގޮތުން ތައުލީމީ ގޮތުން ކާމިޔާބު ހޯދާ ދަރިވަރުން ގިނަ ސްކޫލަކަށް، ދަރިފުޅު ފޮނުވުމަށް ވަރަށް ގިނަ ބެލެނިވެރިން އިސްކަންދެއެވެ.