މާގިނައިން ފޮޑި ޖެހޭތަ؟

ބަނޑުގައި ވައި އުފެދުމާއި ފޮޑީގެ ގޮތުގައި ވައި ބޭރުވުމަކީ އާންމު ކަމެކެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި އާންމުކޮށް، ގިނަ މީހުންނަށް ދުވާލަކު 14 އާއި 23 އާ ދެމެދުގެ އަދަދަކަށް ފޮޑި ޖެހެއެވެ. މީގެ ތެރެއިން ގިނަ ފަހަރު ވައި ބޭރުވާއިރު، ވައި ބޭރުވާކަންވެސް އިހުސާސް ނުވާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.  

ސިއްހީ މާހިރުން ބުނާ ގޮތުގައި ފޮޑި ނުޖެހުމަކީވެސް މައްސަލައެކެވެ. ބަނޑުގައި ވައި އުފެދޭއިރު ވައި ބޭރުނުވާނަމަ މީހާ މަރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އަވަސް އަވަހަށް ކެއުމަކީ ބަނޑުގައި ގިނައިން ގޭސް އުފެދުމަށް މެދުވެރިވާ ކަމެކެވެ. އެހެން ކަމުން ލަސްލަހުން ކެއުމަށް އާދަކުރާށެވެ.

ފިޒީ ޑްރިންކްސް ބުއިމަކީވެސް ބަނޑުގައި ވައި އުފެދުމަށް މެދުވެރިވާ ކަމެކެވެ.

އޭގެ އިތުރުންވެސް ބައެއް ބާވަތުގެ ކާބޯތަކެތީގެ ސަބަބުން ބަނޑުގައި ގިނައިން ވައި އުފެދުމަށް މަގުފަހިވެއެވެ. މީގެ ތެރެއިން ބައެއް ތަކެއްޗަކީ އާންމުކޮށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކެއުމުގައި ހިމެނޭ ތަކެއްޗެވެ. ބަނޑުގައި ވައި އުފައްދާ ބައެއް ކާބޯތަކެތީގެ ތެރޭގައި ބީންސް، ކެބެޖް، ބިސް، ފިޔާ، ކިރު، ޗީޒް އަދި އަލުވި ހިމެނެއެވެ.

ބަނޑުގައި ގިނައިން ވައި އުފެދުމުގެ މައްސަލަ ހައްލުކުރުމަށް ގަވާއިދުން ކަސްރަތު ކުރެވިދާނެއެވެ. ކަސްރަތުގެ ގޮތުގައި ހިނގުން، ދުވުން ނުވަތަ ފެތުމަކީވެސް ކުރެވިދާނެ ކަމެކެވެ. ކޮންމެ ހަފުތާއަކުވެސް މަދުވެގެން ފަސް ދުވަހު، ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓު ކަސްރަތު ކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.