ވާވޭ ޕީ40 ގެ ފޯނުތައް ލޯންޗްކޮށްފި

ކޮވިޑް-19 ފެތުރެމުން ދަނިކޮށް، ވާވޭ އިން ޕީ40 ގެ މޮޑެލްތަކުގެ ފޯނުތައް ލޯންޗްކޮށްފިއެވެ.

ވާވޭ އިން ވަނީ އާ ތިން ވާޝަނެއްގެ ފޯނު ލޯންޗްކޮށްފައެވެ. އެއީ ޕީ40 އާއި ޕީ40 ޕްރޯ އަދި ޕީ40 ޕްރޯ+ އެވެ. ޕީ40 ގައި 6.1 އިންޗީގެ ޑިސްޕްލޭއެއް ހިމެނޭއިރު ޕީ40 ޕްރޯ އަދި ޕީ40+ މި ދެ ފޯނުގައިވެސް ހިމެނެނީ 6.58 އިންޗީގެ ޑިސްޕްލޭއެކެވެ. އެހެންކަމުން އެޕަލް އައިފޯނު 11 ޕްރޯ މެކްސްގެ ޑިސްޕްލޭ އަށްވުރެ، މި ދެ ފޯނުގެ ޑިސްޕްލޭ ކުޑަ ތަންކޮޅެއް ބޮޑު ވާނެއެވެ.

ޕީ40 އާއި ޕީ40 ޕްރޯ ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ.  ޕީ40ގެ އަގުތައް ފެށެނީ 799 ޔޫރޯ (ގާތްގަނޑަކަށް 880 ޑޮލަރު) އިންނެވެ. އަދި ޕީ40 ޕްރޯގެ އަގުތައް ފެށެނީ 999 ޔޫރޯ (ގާތްގަނޑަކަށް 1101 ޑޮލަރު) އިންނެވެ.

ވާވޭގެ ޕީ40 ޕްރޯ+ ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި ފޯނުގެ އަގުތައް ފެށެނީ 1399 ޔޫރޯ (ގާތްގަނޑަކަށް 1542 ޑޮލަރު) އިންނެވެ.

ކުރު މުއްދަތަކަށް ބަލާނަމަވެސް، ޗައިނާ ނޫން މާކެޓްތަކުގައި މި ފޯނުތަކުގެ ވިޔަފާރި ދަށަށް ދިޔުން ގާތް ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ޕީ40 ގެ ފޯނުތަކަށް ގޫގުލްގެ ހިދުމަތް ނުލިބޭނެއެވެ. އޭގެ ތެރޭގައި ޔޫޓިއުބް އާއި މެޕް ހިމެނެއެވެ.