އެކްސްބޮކްސްގެ ސެކިއުރިޓީ މައްސަލައެއް ފާހަގަކުރާ ފަރާތަކަށް 20000 ޑޮލަރު

އެކްސްބޮކްސް ލައިވް ނެޓްވޯކް އަދި ހިދުމަތުގެ ސެކިއުރިޓީ މައްސަލަ ފާހަގަ ކުރާ ފަރާތަކަށް 20000 ޑޮލަރާއި ހަމަޔަށް ފައިސާގެ އިނާމު ލިބޭ ބައުންޓީ ޕްރޮގްރާމެއް މައިކްރޯސޮފްޓުން ފަށައިފިއެވެ.

ބައުންޓީ ޕްރޮގްރާމަކީ ވަރަށް ގިނަ ވެބްސައިޓްތަކުންނާއި ސޮފްޓްވެއާ ޑިވެލޮޕަރުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ވެބްސައިޓް ނުވަތަ ސޮފްޓްވެއާގެ ބަގްސް މައްސަލަތައް ފާހަގަކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް ފައިސާގެ އިނާމު ދެއެވެ.

މައިކްރޯސޮފްޓުން ކުރިއަށް ގެންދާ ބައުންޓީ ޕްރޮގްރާމްގައި، އެކްސްބޮކްސް ލައިވް ނެޓްވޯކް އަދި ހިދުމަތްތަކުގެ ސެކިއުރިޓީ މައްސަލަ ފާހަގަ ކުރާ ފަރާތްތަކަށް 500 ޑޮލަރާއި 20000 ޑޮލަރާއި ދެމެދުގެ އަދަދެއްގެ ފައިސާގެ އިނާމު ލިބޭނެއެވެ.

ގޭމް ކުޅޭ ފަރާތްތަކާއި ސެކިއުރިޓީ މައްސަލަތައް ފާހަގަކުރުމުގެ ތަޖުރިބާކާރުންނަށް ފުރުސަތު ހުޅުވާލާފައިވާއިރު، ފާހަގަ ކުރެވޭ ސެކިއުރިޓީ މައްސަލަ ތަފުސީލުކޮށް ލިޔުމުން ނުވަތަ ވީޑިއޯއެއް މެދުވެރިކޮށް މައިކްރޯސޮފްޓަށް ކިޔައިދޭން ޖެހެއެވެ.

މައިކްރޯސޮފްޓުން ބުނި ގޮތުގައި އެމީހުން ހޯދަމުން ދަނީ ޑީޑޮސް ޓެސްޓްތަކާއި ސޯޝަލް އިންޖިނިއަރިން އެޓޭކްސް ދޭނެ ބައެއް ނޫނެވެ.

މީގެ ކުރިންވެސް މައިކްރޯސޮފްޓުން ވަނީ ބައުންޓީ ޕްރޮގްރާމްތަކެއް ހިންގާފައެވެ. އެގޮތުން ވިންޑޯސް 10 ސެކިއުރިޓީ ބަގްސް ފާހަގަކުރުމަށް 250000 ޑޮލަރާއި ހަމައަށް އިނާމު ލިބޭ ބައުންޓީ ޕްރޮގްރާމެއް ހިންގާފައިވެއެވެ.