72 އަހަރުގައިވެސް ބޮޑީބިލްޑް ކުރުމުގައި

މެލޭޝިއާގެ އުމުރުން 72 އަހަރުގެ އަރޮކިއަސަމީއަކީ އަދިވެސް ގަވާއިދުން ބޮޑީބިލްޑްކުރާ މީހެކެވެ. އުމުރުން ދުވަސްވަމުން ދިޔަ ނަމަވެސް ބޮޑީބިލްޑްކުރުން ދޫކޮށްލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

އަރޮކިއަސަމީ ދަނީ ގަވާއިދުން ކޮންމެ ދުވަހަކުވެސް ބަރުއުފުލުމުގެ ކަސްރަތުތައް ކުރަމުންނެވެ. އޭނާ ވަނީ މިސްޓަ ޔުނިވާސްގެ އެކި އެޑިޝަންތަކުގައި މެލޭޝިއާ ތަމްސީލުކޮށްފައެވެ.

އުމުރުން 11 އަހަރުގައި، އަރޮކިއަސަމީ ސްކޫލުން ވަކިވާން ޖެހުނީ މަސައްކަތްކޮށް އާއިލާއަށް އެހީވުމަށެވެ. އޭނާގެ އާއިލާއަކީ ފަގީރު އާއިލާއެކެވެ. ހޮކީ، ބެޑްމިންޓަން އަދި ފުޓްބޯޅަ ކުޅުނު ނަމަވެސް ޓީމަކުން އޭނާއަށް ޖާގައެއް ނުލިބުނެވެ.

ދަރު ކަނޑަން އުޅުމުން ހަށިގަނޑުގެ މަސްތައް ވަރުގަދަވާކަން އަރޮކިއަސަމީއަށް ފާހަގަ ކުރެވުނެވެ. މަސްތައް ވަރުގަދަ ކުރުމަށް ޖިމަށް ދިއުމުގެ ވިސްނުން އޭނާއަށް ލިބުނީ އެހިސާބުންނެވެ. އެއާއެކު ގެ ކައިރީގައި ހުރި ޖަމަކަށް ގޮސް ކަސްރަތުކުރަން ފެށިއެވެ.

ބަރުއުފުލުމާއި ކަސްރަތުކުރުުން، އުމުރުން ދުވަސްވަމުންދާ ވަރަކަށް ދަށްވާނެ ކަމަށް ހަތްކުދިންގެ ބައްޕަ އަދި ފަސްކުދިންގެ ކާފަ އަރޮކިއަސަމީ ގަބޫލުކުރެއެވެ.

އަރޮކިއަސަމީއަކީ މިހާރުވެސް ސްކޫލެއްގައި ޑަރޯގާއެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އޭގެ އިތުރުން ސެކިއުރިޓީ ގާޑެއްގެ ވަޒީފާވެސް އޭނާ ދަނީ އަދާކުރަމުންނެވެ. އަރޮކިއަސަމީ ބުނި ގޮތުގައި އޭނާ ފުރިހަމަ ސިއްހަތައެއްގައި ހުރެވެނީ ކެއިންބުއިން ރަނގަޅަށް ބަހައްޓައިގެންނެވެ.

އަމިއްލައަށް ތަރުކާރީ ހައްދާ އަރޮކިއަސަމީ ބުނީ ޖަންކް ފުޑް އާއި ހަކުރު އެކުލެވޭ ކާނާ ނުކާ ކަމަށެވެ.