މިދިޔަ އަހަރު ޕީއެސް5 ގެ 4.5 މިލިއަން ޔުނިޓް ވިކުނު

ޕްލޭސްޓޭޝަން 5 ގެ 4.5 މިލިއަން ޔުނިޓް މިދިޔަ އަހަރު ވިކިފައިވާ ކަމަށް ސޮނީ ކޯޕަރޭޝަން އިން ހާމަކޮށްފިއެވެ.

ސޮނީ ކޯޕަރޭޝަން އިން ޕީއެސް 5 ލޯންޗްކުރީ މިދިޔަ އަހަރުއެވެ. ސޮނީ ކޯޕަރޭޝަންގެ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 359.2 ބިލިއަން ޖަޕަނީޒް ޔެން (3.4 ބިލިއަން އެމެރިކާ ޑޮލަރު) ލިބިފައިވެއެވެ.

ގޭމިންގް ޑިވިޝަންގެ ވިޔަފާރި 40 އިންސައްތަ ކުރި އަރައި، 883.2 ބިލިއަން ޖަޕަނީޒް ޔެން ލިބިފައިވާ ކަމަށް ސޮނީ ކޯޕަރޭޝަން އިން ވަނީ ހާމަކޮށްފައެވެ.

ސޮނީ ކޯޕަރޭޝަނުން ލަފާކުރަނީ މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ޕީއެސް 5 ގެ އިތުރު 7.6 މިލިއަން ޔުނިޓް ވިކޭނެ ކަމަށެވެ.