އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތައް
އުރަމަތީގެ ކެންސަރަކީ، ކެންސަރުގެ ބަލީގެ ތެރެއިން އެންމެ އާންމު އެއް ބައްޔެވެ. ކޮންމެ އަހަރަކު، އުރަމަތީގެ ކެންސަރުގެ ދެ މިލިއަނަށްވުރެ ގިނަ އާ ކޭސް ރެކޯޑް ކުރެވެއެވެ.
މިއަދުގެ ދުނިޔޭގައި، ދިރިއުޅުމުގެ އާދަކާދަތައް ބެހެއްޓޭ ގޮތުންވެސް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެގެންދެއެވެ. ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުން، އުމުރުން 30 އަހަރާއި 60 އަހަރާއި ދެމެދުގެ އަންހެނުންގެ މެދުގައި އުރަމަތީގެ ކެންސަރު ފެންނަ މިންވަރު އިތުރުވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.
މިއީ ދިރިއުޅުމުގެ އާދަކާދަތަކަށް ބައެއް ކުދި ބަދަލުތައް ގެނެސްގެން އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
މާބޮޑަށް ބަރުދަން އިތުރުވިޔަ ނުދިނުން
ދިރާސާތަކުން ދައްކާ ގޮތުން، ބަރުދަން އިތުރުވުމާއި ލުއިވުން ތަކުރާރުވަމުން ދިޔުމަކީ ބައެއް ބާވަތުގެ ކެންސަރާއި ގުޅުން ހުރި ކަމެކެވެ. އޭގެ ތެރޭގައި އުރަމަތީގެ ކެންސަރުވެސް ހިމެނެއެވެ. ދިރާސާކުރާ ފަރާތްތަކުން އެދެނީ ބަރުދަން ހުންނަން ޖެހޭ މިންވަރުގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމަށެވެ. ހަރަކާތްތެރިވެ ހެލިފެލިވެ އުޅުމާއެކު ބެލެންސް ޑައިޓެއް ހިޔާރުކުރާށެވެ.
މަދުވެގެން މަހަކު އެއްފަހަރު ޓެސްޓުކޮށްލުން
ގަވާއިދުން ހެލްތު ޗެކަޕް ހެދުމާއެކު އުރަމަތީގެ ކެންސަރުގެ އަލާމާތްތަކަށް އަބަދުވެސް ސަމާލުވެ އެކަން ބެލުން މުހިންމެވެ. މަދުވެގެން މަހަކު އެއްފަހަރު ޗެކްކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ. މިއީ ގޭގައިވެސް ކޮށްލެވިދާނެ ކަމެކެވެ.
މިއިން އަލާމާތެއް ހުރިތޯ އަމިއްލައަށް ޗެކްކޮށްލާށެވެ. މިއީ އުރަމަތީގެ ކެންސަރުގެ ބައެއް އަލާމާތްތަކެވެ.
ކިހިލިފަތް ދަށުގައި ނުވަތަ އުރަމަތީގައި ގޮށްލުން،
އުރަމަތީގެ ސައިޒަށް ކުއްލި ބަދަލެއް އައުން،
އުރަމަތީގައި މާ ގަދަޔަށް ރިއްސާފައި ޑިސްޗާޖް އައުން،
ރޭޝް ނުވަތަ ކަނޑަ ކަނޑައިގެން ގޮސްފައި ހުރުން،
މި ފާހަގަކޮށްލި ފަދަ ކަމެއްގެ އަލާމާތެއް ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް ކަމާބެހޭ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.
ގާތުންދިނުން
އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ތުއްތު ދަރިފުޅަށް ގާތުންދޭށެވެ. މާބަނޑު ދުވަސްވަރާއި ވިހެއުމާއި ގުޅިގެން އަދި ދަރިފުޅަށް ގާތުން ދިނުމުގައި ކަންކަން ކުރަންވީ ގޮތުގެ އިރުޝާދު ޑޮކްޓަރުން ދޭނެއެވެ. ގާތުން ދިނުމުގައި އެންމެ ރަނގަޅު މުއްދަތާއި އެކަމާބެހޭ ގޮތުން ޑޮކްޓަރުން ދޭ އިރުޝާދާއި އެއްގޮތަށް ކުރިއަށްދާށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން
ދުންފަތުގެ އިސްތިއުމާލުކުރުމަކީ، ވަރަށް ގިނަ ބާވަތްތަކުގެ ސިއްހީ މައްސަލަތައް ހުށަހެޅޭ ކަމެކެވެ. އޭގެ ތެރޭގައި އުރަމަތީގެ ކެންސަރަށް މަގުފަހިވުންވެސް ހިމެނެއެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވާށެވެ. އެކަމަށް އެހީވެދޭ ސިއްހީ މާހިރުންގެ އެހީ މިކަމުގައި ހޯދިދާނެއެވެ.