ބޮލުގެ އިސްތަށިގަނޑު ތެތްކޮށް ބަހައްޓައިގެން ނިދުމުން، އިސްތަށިގަނޑަށް ގެއްލުންވޭ
ދުވަސް ނިންމާލުމަށްފަހު ހޫނުފެނުން ފެންވަރާލައި، ދަތް އުނގުޅާލުމަށްފަހު ނިދާ ހެދުން ލައިގެން ފަސޭހަކަމާއެކު ނިދަން އޮށޯވެވެއެވެ. އެކަމަކު އެންމެ ފަހަރަކުވެސް ބޮލުގެ އިސްތަށިގަނޑު ތެތްކޮށް ހުއްޓާ ނިދަން އޮށޯންނައިރު އެއީ ކިހާވަރެއްގެ ކަމެއްކަމާމެދު ވިސްނާލިން ހެއްޔެވެ؟ މިއީ ވަރަށް ކުޑަ ކަމެއް ކަމުގައި ހީވި ނަމަވެސް، ހަގީގަތުގައި މިކަމަކީ އިސްތަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުން ލިބޭ ކަމެކެވެ.
ތެތްކޮށް އިސްތަށިގަނޑު ބަހައްޓައިގެން ނިދީމަ ވަނީ ކިހިނެތް؟
ތެތް އިސްތަށިގަނޑާއެކު ނިދާފައި ހެނދުނު ހޭލާއިރު، ހުންނާނެ ގޮތެއް އަންދާޒާކޮށް ނުލެވޭނެއެވެ. ކެލިފޯނިއާގެ "ރަސަލް ސެލޫން އިން ޑެޒާޓް" ގެ ހެއާ ސްޓައިލިސްޓެއް ކަމަށްވާ އޮލްގާ ގިލްބާޓް ބުނެފައިވަނީ ތެތްކޮށް އިސްތަށިގަނޑު ބަހައްޓައިގެން ނިދާނަމަ، ހެނދުނު އިސްތަށިގަނޑު ސްޓައިލްކޮށްލަން އުނދަގޫ ކަމަށެވެ.
"ސަބަބަކަށް ވަނީ އިސްތަށިގަނޑު ހިކި، ރާޅު ބާނިލާ ގޮތްގޮތް ވެފައި ހުންނާތީ" ގިލްބާޓް ބުންޏެވެ.
އޭނާ ބުނި ގޮތުގައި މި ގޮތަށް ހިކިފައި، ހަޑިކޮށް އިސްތަށިގަނޑު ހުރެއްޖެނަމަ އެކަން ރަނގަޅު ކުރުމުގެ ގޮތުން އަނެއްކާ ދޮވެފައި ހިއްކާ ހަދާނަމަ ހެނދުނުގެ އެތައް ވަގުތެއް ބޭކާރުވެގެންދެއެވެ.
އިސްތަށިގަނޑު ތެތްކޮށް ބާއްވައިގެން ނިދާ ފުރަތަމަ ފަހަރުން އިސްތަށިގަނޑު ހަލާކުވެގެންނެއް ނުދާނެއެވެ. ނަމަވެސް އިސްތަށިގަނޑު ތެތްކޮށް ބާއްވައިގެން އާންމުކޮށް ނިދާކަމުގައި ވަނީނަމަ، އިސްތަށިގަނޑު ފަސޭހައިން ހަލާކުވެއެވެ. އިސްތަށިގަނޑު ތެތްކޮށް ހުއްޓާ، ބާރަށް އިސްތަށިގަނޑު ހުޅިޖަހާނަމަ މި ފުރުސަތު ބޮޑުވެގެންދެއެވެ.
ހެނދުނާ އަވަހަށް އޮފީހަށް ދާން ހޭލަންޖެހޭނަމަ ނުވަތަ އެހެން ސަބަބަކާއި ހުރެ އިސްތަށިގަނޑު ތެތްކޮށް ބަހައްޓައިގެން ނިދަންޖެހޭނަމަ އިސްތަށިގަނޑަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބައެއް ކަންތައްތައް ކުރެވިދާނެއެވެ.
ފުރަތަމަ ކަމަކަށް ނިދަން ގެންގުޅޭ ބާލީސްގެ ކޮޓަން އުރަ، ފަށުވި ފޮތީގެ އުރަޔަކަށް ބަދަލުކޮށްލާށެވެ. ސަބަބަކީ ފަށުވި އަކީ އޮމާން އެއްޗަކަށްވެފައި އިސްތަށިގަނޑު ހަލާކުވުމުން ރައްކާތެރިކޮށްދޭނެތީއެވެ.
ދެވަނަ ކަމަކަށް އިސްތަށިގަނޑު ނާއްސަ ނުވަތަ ތަންކޮޅެއް ދޫކޮށް އައްސައިގެން ނިދާށެވެ. އިސްތަށިގަނޑު އައްސަން ގެންގުޅޭ، އިސްތަށިގަނޑަށް ވާންވާ ކަހަލަ ރަބަރު ފަދަ ތަކެތި ދައްޗަކަށް ނުވަތަ ދޫކޮށް އައްސާލެވޭ ކަހަލަ ވޫލްކޮޅަކަށް ބަދަލުކޮށްލާށެވެ.