ވިހެއުމަށްފަހު، އިތުރުވި ބަރުދަން ލުއިކުރާނެ ގޮތް
ވިހެއުމަށް ފަހު، ބަނޑު ބޮޑުވުމުގެ ކުރިން ހުރި ގޮތަށް ހަށިގަނޑު ބެހެއްޓުމަކީ ހަމަ ކޮންމެ މަންމައެއްގެވެސް އުންމީދަކަށް ވާނެއެވެ. ނަމަވެސް ވަރަށް މަދު މަންމައަކަށް ނޫނީ ހަށިގަނޑޫ ކުރިން ހުރި ހާލަތަށް އަނބުރާ ނުގެނެވެއެވެ. ހަމަ ޔަގީނުންވެސް ހަށިގަނޑުގައި ތަފާތުކަމެއް ހުންނާނެއެވެ. ނަމަވެސް ކުރިން ހުރި ގޮތަށް ހަށިގަނޑު ގެންނަްނ މަސައްކަތް ކުރެވިދާނެއެވެ.
އިނގިރޭސިން ބަހުން ބުނާ ކަމުގައި ވާނަމަ "ބޭބީ ވެއިޓް" ނައްތާލަން ކުރެވިދާނެ ކަންތައްތައް ހުރެއެވެ. ނަމަވެސް އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ތަންކޮޅަކީ، ތިމާ ބަރުވީ ކުއްލިއަކަށް ނޫންކަމެވެ. އެހެންވީމާ ލުއިވާންވެސް ވަގުތު ނަގާނެ ކަމަށް ގަބޫލުކުރާށެވެ. އެކި މީހުންގެ ހަށިގަނޑު ތަފާތު ވާނެކަންވެސް ދަންނާށެވެ. އެކި މީހުން ރަނގަޅުވާނީ އެމީހެއްގެ އަމިއްލަ ވަގުތުގައިކަން ގަބޫލުކުރާށެވެ.
ފުރަތަމަ ކަމަކަށް ރަނގަޅަށް ނިދަން ނުވަތަ އަރާމު ކުރަން އާދަ ކުރާށެވެ. މަންމަ އަކަށްވުމުން އާ ޒިންމާ ތަކެއް ބޮލުގައި އެޅެއެވެ. ނަމަވެސް ވަގުތު މެނޭޖް ކުރަން އެނގިއްޖެނަމަ މިއީ އެއްވެސް ކަމަކަށް ނުވާނެއެވެ. ކުޑަ ދަރިފުޅު ނިދާފައި އޮންނަ ކޮންމެ ވަގުތަކު ނިދާށޭ މީހުން ބުނެއުޅެއެވެ. މިއީ ރަނގަޅު ކަމެކެވެ. ނުނިދި، އަރާމު ނުލިބި ސްޓްރެސް ވަނީ ކަމުގައި ވާނަމަ ކޯޓިސޯލް ލެވެލް ހަށިގަނޑުގައި ގިނަވެ ހަޖަމު ކުރުމުގެ ނިޒާމަށް ނޭދެވޭ އަސަރު ކުރާނެއެވެ.
ދެން ވީހާވެސް ގިނައިން ދިޔާ އެއްޗެހި ބޯން އާދަ ކުރާށެވެ. އޭރުން ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅު ގޮތުގައި ދެމިހުންނާނެއެވެ. ފެން ނުވަތަ ދިޔާ އެއްޗެހި ބުއިމުން ބަނޑު ފުރުމުގެ އިހްސާސް ކުރެވި ކާންވާ ވަރަށް ވުރެން ގިނައިން ކެއުމުން ދުރުހެލި ކޮށްދޭނެއެވެ. ފެން ބުއިމުން ނުވަމަސް ތެރޭގައި ރައްކާވާ ފެޓްސްތައް ނައްތާލުމުގައި އެހީވެދޭނެއެވެ.
ކަސްރަތު ކުރުމަކީ ޝައްކެއްވެސް ނެތް ގޮތުގައި މީހާ ލުއި ކޮށްދީ ފިޓް ކޮށްދޭނެކަމެކެވެ. ނަމަވެސް ވިހެއުމަށްފަހު 6-8 ހަފްތާވަންދެން އެހާ ބޮޑުކޮށް ކަސްރަތު ކުރުމަކީ ނޭދެވޭ އަސަރު ކޮއްފާނެ ކަމެކެވެ. 6-8 ހަފްތާ ފަހުން ކަސްރަތު ކުރަން ފަށާއިރު މަޑު މަޑުން ފަށާއިރު ހިނގުން ރަނގަޅު ވާނެއެވެ.
ރަނގަޅަށް ކެއުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ލުއި ކުރަން ނުކައި ހުރުމުން އިތުރަށް ބަރުވުމުގެ ފުރުސަތުވެސް ބޮޑު ވާނެއެވެ. އަދި އޭގެ ސަބަބުން ދަރިފުޅަށް ވެސް ރަނގަޅު ކާނާ ނުލިބޭނެއެވެ. މަދުން ކާނަމަ ހަށިގަނޑުގައި ފެޓް ރައްކާކުރަން ފަށާނެއެވެ. ބަންދު ކޮށްފައި ހުންނަ އެއްޗެހި ކެއުމުގެ ބަދަލުގައި ތާޒާ މޭވާއާއި ތަރުކާރީ ކާށެވެ. ކާ މިންވަރު ބަލައިގެން ކާށެވެ. ހުރިހާ ބާވަތެއްގެ ކާނާ ހިމަނައިގެން ކާން އާދަ ކުރާށެވެ.
ކޮންމެ މީހެއްވެސް ބޭނުންވާނީ ވީހާވެސް އަވަހަކަށް ހަށިގަނޑު ކުރިން ހުރި ގޮތަށް ރުޖޫއަ ކުރާށެވެ. ނުވަމަސް ދުވަހު ދެއްކި ކެތްތެރިކަން ދަރިފުޅު ލިބުމަށްފަހުގައިވެސް ތިމާގެ ހަށިގަނޑަށް ދައްކާށެވެ.