އުމުރުން ދުވަސްވުމުން ހަމަށް ކުރާ އަސަރު ކުޑަކުރާނެ ގޮތްތައް

ކޮންމެ މީހަކުވެސް އުމުރުން ދުވަސްވަމުންދާ ވަރަކަށް، އެ އަސަރު ހަށިގަނޑުން ފެންނަމުންދާނެއެވެ. އުމުރުން ދުވަސްވަމުންދާކަން އެންމެ ބޮޑަށް ފާހަގަކުރެވޭނީ މޫނު މަތިންނެވެ. މޫނުގެ ހަމުގައި ރޫ ގިނަވުންފަދަ ކަންކަން ފެންނަމުންދާނެއެވެ.

އުމުރުން ދުވަސްވުމުން މޫނު މަތިން ފެންނަ އަސަރުތައް ކުޑަކުރުމަކީ ކުރެވިދާނެ ކަމެކެވެ. މިއީ ބޭހާއި ނުލާވެސް ކުރެވިދާނެ ކަމެކެވެ.

ހަކުރު ބޭނުންކުރާ މިންވަރު މަދުކޮށްލުން

ދިރާސާތަކުން ދައްކާ ގޮތުން، ކެއިންބުއިމުގައި ހަކުރު ގިނައިން ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތަކެތި ބޭނުން ކުރުމަކީ އުމުރުން ދުވަސްވުމުގެ އަސަރު މީހާގެ ހަށިގަނޑުން އަވަހަށް ފެނުމަށް މެދުވެރިވާ ކަމެކެވެ. އެގޮތުން މޫނުގެ ހަމުގައި ރޫ ޖެހުން ފަދަ ކަންކަން ޒުވާން އުމުރުގައިވެސް ފެނުމަށް މަގުފަހިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ބަންޑުން އޮވެ ނިދުމާއި ދުރުވެލާ

ބަންޑުން އޮވެ ނިދުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. ބަންޑުން އޮވެ ނިދާއިރު، މޫނު އޮންނަނީ ބާލީހުގައި ޖެހިފައެވެ. ގަބޫލުކުރަން ދަތި ނަމަވެސް، މިއީ މޫނުގެ ހަމުގައި ރޫޖެހުމަށް މެދުވެރިވާނެ ކަމެކެވެ. ބަންޑުން އޮވެ ނިދުމަކީ ސިއްހީ އިތުރު މައްސަލަތަކެއްވެސް ކުރިމަތިވާނެ ކަމެކެވެ. އެހެންވީމާ ބަންޑުން އޮވެ ނިދުމުގެ އާދަ ދޫކޮށްލެވޭތޯ މަސައްކަތްކުރާށެވެ.

އާންމުކޮށް ގްރީން ޓީ ބުއިން

ގްރީން ޓީއަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ގްރީން ޓީ ބުއިމުގެ ސަބަބުން، ހަށިގަނޑުގެ ހަމަށް ފަރުވާ ލިބިދެއެވެ. ހަން އޮމާންކޮށްދީ ދުޅަހެޔޮކޮށްދެއެވެ.

ހޫނު ފެނުން ފެންވެރުމާއި ދުރުވެލަން ޖެހޭ

ހޫނު ފެނުން ފެންވެރުމަކީވެސް ބައެއް މީހުންގެ އާދައެކެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހޫނު ފެނުން ފެންވެރުމަކީ ހަމަށް ދެވޭ ގެއްލުމެކެވެ. ހޫނު ފެނުން ފެންވެރުމަކީ އާދައަކަށް ހަދައިފިނަމަ އުމުރުން ދުވަސްވުމުން މޫނު މަތިން ފެންނަ ރޫތައް، ޒުވާންއިރު ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ.