އާ އައިފޯނު ރިލީޒްކުރާނީ ކޮންއިރަކުން؟

އެޕަލް އިން ވާޗުއަލްކޮށް އަންގާރަ ދުވަހު ބޭއްވި އިވެންޓްގައި، އާ އައިފޯނު ދައްކާލާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރިއެވެ. ނަމަވެސް ކަން ވެގެން ދިޔައީ އެހެންނެއް ނޫނެވެ. އެޕަލްގެ އިވެންޓްގައި ދައްކާލީ އެޕަލްގެ އާ ވޮޗް އަދި އައިޕެޑެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އާ އައިފޯނު ދައްކާލުން އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެޕަލް އިން އަދި ވާހަކަ ދައްކާފައިނުވެއެވެ.

ކޮވިޑް-19 އާ ގުޅިގެން، މިއަހަރު އާ އައިފޯނަށް ކުރަންޖެހޭ އިންތިޒާރު ދިގުލައިދާނެ ކަމަށް އެޕަލް އިން ވަނީ މީގެ ކުރިންވެސް ބުނެފައެވެ. ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބައެއް ސަޕްލަޔަރުންގެ މަސައްކަތް ހުއްޓުނުއިރު ސަޕްލަޔަރުންގެ އޮޕަރޭޝަންތައް ލިމިޓްކުރަން ޖެހުނެވެ.

މީގެ އަސަރުކުރީ ހަމައެކަނި އެޕަލްގެ އިންވެންޓޮރީއަށް އެކަންޏެއް ނޫނެވެ. ވިޔަފާރިއަށްވެސް މީގެ ނޭދެވޭ އަސަރުކުރިއެވެ. އޭގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އެމެރިކާގައި ހުރި އެޕަލްގެ ފިހާރަތައް ބަންދުކުރި ނަމަވެސް މިހާރު ބައެއް ފިހާރަތައް ވަނީ ހުޅުވާފައެވެ.