ސްޓާލިންކް ޑިޝް ހަރުކޮށްފައިވާ ކާރު - ފޮޓޯ ދަ ވާޖް

ކާރެއްގައި ސްޓާލިންކް ޑިޝް ހަރުކޮށްގެން ދަނިކޮށް ހުއްޓުވައިފި

ކެލިފޯނިއާ – އެމެރިކާ: ކާރެއްގައި ސްޓާލިންކް ޑިޝްއެއް ހަރުކޮށްގެން ދުއްވަމުން ދަނިކޮށް، ކެލިފޯނިއާ ހައިވޭ ޕެޓްރޯލްގެ ފުލުހުން ހުއްޓުވައިފިއެވެ.

ޓޮޔޯޓާ ކާރެއްގެ ހުޑްގައި، ސްޓާލިންކް ޑިޝް ހަރުކޮށްގެން ދުއްވަމުން ދަނިކޮށް ހުއްޓުވާފައިވަނީ ހުކުރު ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކެލިފޯނިއާ ހައިވޭ ޕެޓްރޯލް ފުލުހުން ހާމަކުރި ގޮތުގައި، އުޅަނދުގެ ހުޑްގައި ޑިޝްއެއް ހަރުކޮށްގެން ދުއްވުމަކީ މަނާ ކަމެކެވެ. ސަބަބަކީ އެކަމުގެ ސަބަބުން، އުޅަނދު ދުއްވަން އިންނަ މީހާއަށް، އުޅަނދުގެ ކުރި ފެނުމަށް އެކަމުން ހުރަސް އެޅޭތީއެވެ.

ކާރުގެ ހުޑްގައި ހަރުކޮށްފައިވާ ޑިޝްގެ ސަބަބުން، އުނދަގޫ ނުވޭތޯ ކެލިފޯނިއާ ހައިވޭ ޕެޓްރޯލްގެ ފުލުހުން ވަނީ ސުވާލުކޮށްފައެވެ. ޖަވާބުގައި ކާރު ދުއްވަން އިން މީހާ ބުނީ ވާތް ފަރާތަށް ކާރު އަނބުރާލާއިރު ކުރި ފެނުމަށް އުނދަގޫވާ ކަަމަށެވެ.

ސްޓާލިންކް ޑިޝް ހަރުކޮށްފައި ހުރީ ވިޔަފާރިއެއްގެ ބޭނުމަށް ވައި-ފައި ބޭނުންވާތީ ކަމަށްވެސް ކާރު ދުއްވަން އިން މީހާ ވަނީ ބުނެފައެވެ.