ޕީނަޓް ބަޓާރ އަކީ "ސުޕާރ ފުޑް" އެއް

ޕީނަޓް ބަޓާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކުދިބޮޑު އެންމެންނަށް މީރު، ސިއްހަތަށް ފައިދާކުރާ، އެންމެން ދަންނަ ކާނާއެކެވެ. ގިނަ އަދަދެއްގެ ޕްރޮޓީންއާއި ބޭނުންތެރި މިނަރަލްތައް ހިމެނިފައި ހުރުމުން ގިނަމީހުން ޕީނަޓް ބަޓާ އަށް "ސުޕާރ ފުޑް" ގެ ނަމުން ކިޔާއުޅެއެވެ.

ސިއްހަތައް ފައިދާ ކުރުމުގެ އިތުރުން ޕީނަޓް ބަޓާ ބޭނުން ކުރެވޭ ގިނަ ގޮތްތައް ހުރުމުންވެސް ގިނަ މީހުން މި ކަނާ ބޭނުންކުރެއެވެ. ހުސް ޕީނަޓް ބަޓާ ކެއުމުގެ އިތުރުން، ލޮނު އެއްޗެއްސާއެކުވެސް ފޮނި އެއްޗެއްސާއެކު ވެސް ކެވޭނެއެވެ. ފޮނިކާ އެއްޗެހި ހަދާއިރުއާއި، މިލްކް ޝޭކްއާއި، ސޭންޑްވިޗްއާއި، ބިސްކޯދާއި ކޭކު ފިހާއިރުވެސް ޕީނަޓް ބަޓާ ބޭނުން ކުރެވިދާނެއެވެ.

މިއީ އެހާ އަވަހަށް ނުބައިވާ ކާއެއްޗެއްވެސް ނޫނެވެ. ރައްކާކޮށްފައި ހުންނަ ދަޅު ނުވަތަ ފުޅި ކަނޑާލުމަށްފަހު ފަސް އަހަރުވަންދެން ޕީނަޓް ބަޓާރ ހުރެއެވެ.

ޕީނަޓް ބަޓާރ އަކީ ސިއްހީ އެކިކަހަލަ ކަންކަމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 9 އަހަރާއި 15 އަހަރާއި ދެމެދުގެ އަންހެން ކުދިން ގަވައިދުން ޕީނަޓް ބަޓާރ ބޭނުން ކުރާ ކަމުގައި ވާނަމަ އުރަމަތީގެ ކެންސަރު ޖެހުމުގެ ނުރައްކާ 39 އިންސައްތަ ދަށްކޮށްދެއެވެ. "އާލީ އެލްޒައިމާރސް" ގެ އަލާމާތްތައް ދެނެގަތުމަށް ވެސް ޕީނަޓް ބަޓާރ ޓެސްޓް ކިޔާ ޓެސްޓެއްވެސް ހަދައެވެ.

އެކި ކަހަލަ ޕީނަޓް ބަޓާރ ހުންނައިރު ރަނގަޅު ވައްތަރެއް ހޯދާނީ ކިހިނެއް؟ ރަނގަޅު ވައްތަރެއް ހޯދުމަށް ފުޅީގެ ބޭރުގައި ހުންނަ ލޭބަލް ކިޔާލުމުން އެކުލެވިފައި ހުންނަ މާއްދާތައް އެނގޭނެއެވެ. ހައިޑްރޮޖެނޭޓެޑް އޮއިލްސް އެކުލެވިގެންވާނަމަ ސިއްހަތައް ނޭދެވޭ ޓްރާންސް ފެޓް ހުންނާނެއެވެ. ބައިވަރު ވައްތަރުތަކުގައި ފެޓް ނުހުންނަކަމަށް ލިޔެފައި ހުރެއެވެ. ނަމަވެސް މި ވައްތަރުތަކުގައިވެސް ރަހަމީރު ކުރަން ހަކުރު އަޅާފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ހަކުރު އަޅާފައި ހުރޭތޯ ބެލުމަށްފަހު މިކަހަލަ ޕީނަޓް ބަޓާރ އިންވެސް ދުރުހެލި ވާށެވެ.