އާ އައިފޯނާއި ގުޅޭ ގޮތުން ދެކެވޭ ބައެއް ވާހަކަތައް
އެޕަލް ކުންފުނިން އައިފޯނު 11 ގެ މޮޑެލްތަކުގެ ފޯނުތައް ލޯންޗްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެޕަލް އިން މިއަހަރު ނެރޭނެ ފޯނަށް، އެޕަލްގެ ފޭނުން ކެތްމަދުވެފައި ތިބިއިރު، މިހާރު މި ވަނީ އެޕަލް އިން މިއަހަރު ނެރޭ ފޯނާއި ގުޅޭ އޯލަ ވާހަކަތަކުގެ އަޑު ގަދަވެފައެވެ.
ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އެޕަލް އިން މިއަހަރު ނެރޭނީ އައިފޯނު 12، 12 ޕްރޯ އަދި 12 ޕްރޯ މެކްސްއެވެ.
އެޕަލް އިން މިހާތަނަށް ނެރުނު އައިފޯނުތަކާއި އަޅާބަލާއިރު، މިއަހަރު ނެރޭ އައިފޯނުގެ ސްކްރީން ސައިޒް ބޮޑުވާނެ ކަމަށް ވަނީ އަޑު ފެތުރިފައެވެ.
އެ ގޮތުން އެޕަލް އިން މިދިޔަ އަހަރު ނެރުނު އައިފޯނު 11 ޕްރޯ މެކްސްގައި އިންނަނީ 6.5 އިންޗީގެ ޑިސްޕްލޭއެކެވެ. ނަމަވެސް މިއަހަރު ނެރޭ 12 ޕްރޯ މެކްސްގެ ޑިސްޕްލޭގައި 6.7 އިންޗި ހުންނާނެ ކަމަށް ބެލެވޭ ކަމަށް ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މިއަހަރު ނެރޭ އައިފޯނުތަކުގެ ހުރިހާ މޮޑެލެއްގައިވެސް ހުންނާނެ ކަމަށް ބެލެވެނީ އޯލެޑް ޑިސްޕްލޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އެޕަލްގެ އުފެއްދުންތަކުގެ އެނަލީސްޓުން ބުނާ ގޮތުން 5ޖީ ސަޕޯޓްކުރާ ފޯނު ތައާރަފު ކުރުމަށް، އެޕަލް އިން އަދި އަވަސް އަރުވާލައިގެން ނޫޅެއެވެ. ނަމަވެސް މިއަހަރު ނެރޭ އައިފޯނުގެ މޮޑެލްތަކުގައި 5ޖީ ސަޕޯޓްކުރާ ފޯނެއް ހިމެނުމަކީ ހަމަ އެކަށީގެންވާ ކަމެއް ކަމަށް އެނަލީސްޓުން ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއަހަރު ނެރޭ އައިފޯނުގައި ހިމެނޭނީ އޭ14 ގެ ޕްރޮސެސަރެކެވެ. އަދި ފޯނުގެ ބެޓެރީގެ ބާރު ބޮޑުތަނުން ގަދަވާނެއެވެ.