ވެކްސިން އުފައްދާ ފަރާތްތަކަށް ހެކަރުންގެ ހަމަލާތައް އަމާޒުވަނީ

ކޮވިޑް-19 އަށް ވެކްސިން އުފައްދާ ފަރާތްތަކަށް ހެކަރުންގެ ހަމަލާތައް އަމާޒުވަމުންދާ ކަމަށް މައިކްރޮސޮފްޓުން ބުނެފިއެވެ.

މައިކްރޮސޮފްޓުން ހާމަކުރި ގޮތުގައި ވެކްސިން އުފައްދާ ފަރާތްތަކަށް، އުތުރު ކޮރެއާ އަދި ރަޝިއާގެ ހެކަރުންގެ ހަމަލާތައް ދަނީ އަމާޒުވަމުންނެވެ. އުތުރު ކޮރެއާ އާއި ރަޝިއާގެ ހެކަރުންނަކީ ސްޓޭޓް-ބެކްޑް ހެކަރުން ކަމަށް މައިކްރޮސޮފްޓުން ވަނީ ބުނެފައެވެ.

ރަޝިއާގެ ހެކަރުންނަށް ދެވިފައިވާ ނަމަކީ "ފޭންސީ ބެއާ" އެވެ. އުތުރު ކޮރެއާގެ ހެކަރުންނަށް ދީފައިވާ ނަމަކީ "ޒިންކް" އަދި "ކެރިއަމް" އެވެ.

ކޮވިޑް-19 ވެކްސިންގެ ދިރާސާތަކަށް ރަޝިއާގެ ހެކަރުންގެ ހަމަލާތައް އަމާޒުވަމުންދާ ކަމަށް، އިނގިރޭސިވިލާތުގެ ނޭޝަނަލް ސައިބާ ސެކިއުުރިޓީ ސެންޓަރުން މީގެ ކުރިން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ތުހުމަތުތައް ރަޝިއާއިން ދޮގުކުރެއެވެ.

މައިކްރޮސޮފްޓުން ހާމަކުރި ގޮތުގައި ހަތް ފާމަސޫޓިކަލް ކުންފުންޏެއްގެ ސިސްޓަމްތަކަށް ހެކަރުންގެ ހަމަލާ އަމާޒުވެފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިވެއެވެ. އޭގެ ތެރޭގައި އިންޑިއާ، ދެކުނު ކޮރެއާ، ކެނެޑާ އަދި އެމެރިކާގެ ވެކްސިން ރީސާޗް ކުންފުނިތައް ހިމެނެއެވެ.

ހެކަރުން ކުރި ބައެއް މަސައްކަތް އެ މީހުންނަށް ކާމިޔާބުވެފައިވާ ކަމަށް މައިކްރޮސޮފްޓުން ވަނީ ބުނެފައެވެ.