ފަލަ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު

މާބޮޑަށް ފަލަ މީހުން، ކެންސަރަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސި ވިލާތުގެ ނޫހެއް ކަމުގައިވާ ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުން އެ ދިރާސާކޮށްފައިވަނީ ޑެންމާކްގެ އާރހުސް ޔުނިވާސިޓީ ހޮސްޕިޓަލުންނެވެ. ފަލަ މީހުންނަށް ކެންސަރު ޖެހުމުގެ ނުރައްކާ 12 އިންސައްތައަށް އިތުރު ކަމަށް އެ ދިރާސާ އިން ވަނީ ހާމަވެފައެވެ.

މި ދިރާސާ ކުރުމަށް 40 އަހަރު ވަނީ ހޭދަކޮށްފައެވެ. 1977 ވަނަ އަހަރުން 2016 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ދިރާސާގެ ތަފުސީލު ވަނީ އިންޓާނަލް މެޑިސިން މަޖައްލާގައި ޝާއިއުކޮށްފައެވެ.

ސިއްހަތަށް ނުރައްކާތެރި މިންވަރަށް ފަލަ މީހުންގެ ގޮތުގައި ހޮސްޕިޓަލްތަކުގައި ރެކޯޑް ކުރެވިފައިވާ 313321 މީހުންގެ ތެރެއިން 20706 މީހަކަށް ކެންސަރު ޖެހިފައިވާ ކަމަށް އެ ދިރާސާ އިން ވަނީ ހާމަވެފައެވެ. މި ދިރާސާގައިވާ ގޮތުން އެ މުއްދަތުގެ ތެރޭގައި ޑެންމާކްގައި ކެންސަރު ޖެހުނު ކަމަށް ފާހަގަ ކުރެވިފައިވަނީ 18480 މީހުންނަށެވެ.

މާބޮޑަށް ފަލަވުމުން އިންސާނާޔަށް ކުރިމަތިވާ ނުރައްކަލަކީ ހަމައެކަނި ކެންސަރެއް ނޫނެވެ. މީހާ މާބޮޑަށް ފަލަވުމުގެ ސަބަބުން ހަކުރު ބައްޔަށް މަގުފަހިވުމާއި ސްޓްރޯކް އަދި ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ. 2012 ވަނަ އަހަރުގައި ކޯނެލް ޔުނިވާސިޓީގައި ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި، ފަލަ މީހުންނަށް ފަރުވާ ކުރުމަށް ހަމައެކަނި އެމެރިކާގައި އަހަރަކު 190.2 ބިލިއަން ޑޮލަރު ހޭދަކުރެވެއެވެ.