ތާޖް މަހަލް އާއި ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
ތާޖް މަހަލްއަކީ އިންޑިއާގެ އާގްރާގައި ހުންނަ ގަނޑުވަރެކެވެ. މި ގަނޑުވަރު ބިނާ ކުރެވުނީ ޝާހް ޖަހާން އޭނާގެ ތިންވަނަ އަނބި އަދި އެންމެ ލޯބިވާ އަނބިކަނބަލުން މުމްތާޒް މަހަލްގެ ހަނދާނުގައެވެ. މުމްތާޒް މަހަލް އަވަހާރަވީ 1631 ވަނަ އަހަރު، އެ ދެމަފިރިންގެ 14 ވަނަ ދަރިފުޅު ވިހެއުމުގެ ތެރެގައެވެ. ޝާހް ޖަހާނަކީ މުގަލް ޑައިނަސްޓީގެ ފަސްވަނަ ވެރިޔާއެވެ.
އިންޑިއާގެ ފަހުރެއްގެ ގޮތުގައި އެ މީހުން ގަބޫލުކުރާ، ތާޖް މަހަލް ބިނާ ކުރަން ފެށުނީ 1632 ވަނަ އަހަރުއެވެ. މައި ގަނޑުވަރުގެ މަސައްކަތް ނިމުނީ 1648 ވަނަ އަހަރުއެވެ. މައި ގަނޑުވަރު ނިމުމާއި އެކު، މިސްކިތާއި، މެހުމާނުންގެ ގެއާއި، ބޭރު ކޯޓްޔާޑް ފަދަ ތަންތަން މި ގަނޑުވަރަށް އިތުރުކޮށް ނިމުނީ 1653 ވަނަ އަހަރުއެވެ.
އުސްތާޒް އީސާ ނަމަކަށް ކިޔާ އާކިޓެކްޓެއްގެ ބެލުމުގެ ދަށުން ތާޖް މަހަލްގެ މަސައްކަތްތައް ކުރިއަށްދިޔައިރު، އެކަމަށް އެކަށޭނަ މޮޅު ފަންނުވެރިން އިންޑިއާގެ އެކި ހިސާބުތަކުން އެ ބިނާގެ މަސައްކަތަށް ގެނެވުނެވެ.
ތާޖް މަހަލްގެ މަސައްކަތުގައި، ދާއިރާގެ ތަޖުރިބާ ހުރި މީހުންނާއި، ދާއިރާގެ މާބޮޑު ތަޖުރިބާއެއް ނެތް މީހުން ހިމެނޭ ގޮތަށް 20،000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ބުނެވެއެވެ.
އިންޑިއާގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކުންވެސް، ތާޖް މަހަލްގެ މަސައްކަތަށް ތަކެތި ހޯދުނެވެ. އެތަކެތި އާގަރާއަށް ގެނައުމަށް 1000 އަށްވުރެ ގިނަ އެތް ބޭނުން ކުރެވުނެވެ. ތާޖް މަހަލް ބިނާކުރުމުގައި ބޭނުންކޮށްފައިވާ ގާތަކަކީ އަގުބޮޑު، ރީތި ގާތަކެކެވެ. ތަފާތު 28 ވައްތަރެއްގެ ގާ، ތާޖް މަހަލްގައި ހިމަނާފައިވެއެވެ. އަރަބި ބަހުން ލިޔެ ކަނޑާފައިވާ ލިޔުންތަކެއްވެސް ތާޖް މަހަލްގައިވެއެވެ.
ގާތްގަނޑަކަށް 20 އަހަރު ހޭދަވި އެ މަސައްކަތަށް 20،000 މީހުން މަސައްކަތް ކުރުމަކީ ކުޑަ ކަމެއް ނޫނެވެ. މަސައްކަތްތެރިން އުޅުމަށް ކުޑަ އަވަށެއްވެސް އުފެއްދުނެވެ. އެއީ މަސައްކަތްތެރިންނަށް، މަސައްކަތުގެ ސައިޓާ ކައިރިވެފައި މަސައްކަތަށް ސަމާލުކަން ދެވޭނެތީއެވެ. މުގަލް ސަރުކާރުން ވަނީ މި މަސައްކަތްތެރިންނަށް ދިރިއުޅުމުގައި ކޮންމެ ދުވަހަކު ބޭނުންވާނެ ފަދަ ތަކެތި ފޯރުކޮށްދީފައެވެ.
މި ގަނޑުވަރު ބިނާކޮށްފައިވަނީ މުމްތާޒް މަހަލްގެ ހަށިކޮޅު ވަޅުލުމަށް ކަމުގައި ވީނަމަވެސް ފަހުން ޝާހް ޖަހާންއަށްވެސް މަހާނައެއް ހަދާފައިވެއެވެ. މި ގަނޑުވަރު ބިނާ ކޮއްފައިވަނީ މުމްތާޒް މަހަލްގެ ހަށިކޮޅު ވަޅުލުމަށް ކަމުގައި ވިނަމަވެސް ފަހުން ޝާހް ޖަހާންއަށްވެސް މަހާނައެއް ހަދާފައިވެއެވެ.