ދެ މިނެޓް ކުރިން އޮފީހުން ނިކުތުމުން މުސާރަ ކަނޑައިފި

މަސައްކަތު ގަޑި ނިމުމުގެ ދެ މިނެޓް ކުރިން އޮފީހުން ނިކުތް، ޖަޕާން ސަރުކާރު އޮފީހެއްގެ މުވައްޒަފުންތަކެއްގެ މުސާރަ ކަނޑައިފިއެވެ.

ޖަޕާންގެ ޗީބާ ޕްރިފެކްޗާގެ ފުނަބާޝި ސިޓީ ބޯޑް އޮފް އެޑިއުކޭޝަންއިން މިމަހު ހާމަކުރި ގޮތުގައި 2019 ވަނަ އަހަރުގެ މޭ މަހުން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހަތް މުވައްޒަފަކު، 316 ފަހަރެއްގެ މަތިން މަސައްކަތު ގަޑި ނުނިމެނީސް އޮފީހުން ނިކުމެފައިވެއެވެ. މަސައްކަތު ގަޑި ނިމެނީ ހަވީރު 5:15 ގައެވެ. ނަމަވެސް އެ މުވައްޒަފުން އޮފީހުން ނިކުންނަނީ 5:13 ގައެވެ.

ބޯޑް އޮފް އެޑިއުކޭޝަންއިން ހާމަކުރި ގޮތުގައި އެ މުވައްޒަފުން އަވަހަށް އޮފީހުން ނިކުންނަނީ 5:17 ގައި ފުރުމަށް ހަމަޖެހިފައިވާ ބަހަށް އެރުމަށެވެ. އެ ބަހަށް ނޭރިއްޖެނަމަ މުވައްޒަފުން އިންތިޒާރުކުރަން ޖެހޭނީ 5:47 ގައި ފުރާ ބަހަށެވެ.

އޮފީހުގައި އެޓެންޑެންސް މެނޭޖްމަންޓްގައި މަސައްކަތް ކުރާ 59 އަހަރުގެ އަންހެން މުވައްޒަފެއްގެ ތިން މަހުގެ މުސާރައިން ދިހަބައިކުޅަ އެއްބައި ވަނީ އުނިކޮށްފައެވެ. އެ މުވައްޒަފަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، އެހެން މުވައްޒަފުންނަށް އަވަހަށް ގެއަށް ދެވޭ ގޮތް ހެދުމުގެ ގޮތުން އެ މުވައްޒަފުން އޮފީހުން ނުކުންނަ ވަގުތު އޮފީހަށް އޮޅުވާލުން ހިމެނެއެވެ.

އަވަހަށް އޮފީހުން ނިކުންނާތީ މުވައްޒަފުންގެ މުސާރަ އުނިކުރުމުން ގިނަ ބަޔަކު އަންނަނީ ތާއީދުކުރަމުންނެވެ. ބައެއް މީހުން ދަނީ އެ މީހުންގެ ގައުމުތަކުގައިވެސް އެފަދަ ފިޔަވަޅުތައް އަޅައިދިނުމަށް އެދޭކަން ހާމަކުރަމުންނެވެ.