ޖޯ ބައިޑަން ގެންގުޅުއްވާ ދެ ކުއްތާއާއެކު ވައިޑް ހައުސްގައި

މީހެއްގެ ގައިގައި ދަތް އަޅާފައިވަނިކޮށް ބައިޑަންގެ ކުއްތާތައް ޑެލަވެއާއަށް

މުވައްޒަފެއްގެ ގައިގައި ދަތް އަޅާފައިވަނިކޮށް، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ކުއްތާތައް ޑެލަވެއާއަށް ފޮނުވާލައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެ ކުއްތާ ގެންގުޅުއްވައެވެ. އެއީ "ޗެމްޕް" ނަމަކަށް ކިޔާ ކުއްތާއަކާއި "މޭޖާ" ނަމަކަށް ކިޔާ ކުއްތާއެކެވެ. މި ދެ ކުއްތާއަކީވެސް ޖާމަން ޝެޕާޑް ކުއްތާއެވެ.

ވައިޓް ހައުސްގެ މުވައްޒަފެއްގެ ގައިގައި ދަތް އެޅީ "މޭޖާ" އެވެ. ކުއްތާތައް ފޮނުވާލާފައިވަނީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޑެލަވެއާގައި ދިރިއުޅޭ ބައިޑަންގެ އާއިލާ ގާތަށެވެ.

މިކަމާ ގުޅޭ ގޮތުން ވައިޓް ހައުސްގެ ޕްރެސް ސެކެޓަރީ ޖެން ސާކީ ވިދާޅުވީ ކުއްތާ ދަތް އެޅުމުގެ ސަބަބުން އެ މީހާއަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެ މީހާއަށް ވައިޓް ހައުސްގެ މެޑިކަލް ޔުނިޓުން ފަރުވާ ދީފައިވާ ކަމަށްވެސް ޖެން ސާކީ ވިދާޅުވިއެވެ.

ޖެން ސާކީ ވިދާޅުވީ ރައީސް ބައިޑަންގެ ދަތުރުފުޅުތަކެއް މި ހަފުތާގައި ކުރަން ހަމަޖެހިފައި އޮތުމުން ކުއްތާތައް ބެލެހެއްޓުމަށް ޑެލަވެއާއަށް ފޮނުވާލުމަށް ކުރިންވެސް ނިންމާފައިވާ ކަމަށެވެ. ކުއްތާތައް އަލުން އަނބުރާ ވައިޓް ހައުސްއަށް ގެންނާނެ ކަމަށްވެސް ޖެން ވިދާޅުވިއެވެ.

"މޭޖާ" އަކީ ތިން އަހަރުވެފައިވާ ކުއްތާއެކެވެ. ބައިޑަން އެ ކުއްތާ އެޑޮޕްޓްކުރީ 2018 ވަނަ އަހަރުއެވެ.